16 Sep 2019, 16:40
އޮސްޓްރޭލިއާ މީހަކު ބައިސްކަލެއް ދުއްވާފައި ދަނިކޮށް ދޫންޏެއް ހަމަލާ ދޭން އުޅުމުން، ބައިސްކަލުން ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ވޮލޮންގޮންގުގައި އިއްޔެ އެހާދިސާ ހިނގީ 76 އަހަރުގެ ފިރިހެނަކު ޕާކެއް ތެރެއިން ބައިސްކަލު ދުއްވާފައި ދަނިކޮށެވެ. އެމީހާއަށް ހަމަލާ ދޭން މަސައްކަތް ކުރީ އޮސްޓްރޭލިއަން މެގްޕައި ކިޔާ ދޫންޏެކެވެ.
ވޮލޮންގޮންގުގެ ފުލުހުން ބުނި ގޮތުގައި އެ ދޫނި އެމީހާއާ ދިމާލަށް އަންނަކަން އެނގުމުން، އެމީހާ އެއް ފަރާތަށް ޖެހެން މަސައްކަތް ކުރި ގަޑީގައި އެތާ ހުރި ފެންސެއްގައި ޖެހި ބައިސްކަލުން ވެއްޓުނީ އެވެ. އޭގެ ސަބަބުން އެމީހާގެ ބޮލަށް އަނިޔާ ލިބުނު ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ކަމަށް ފުލުހުން ބުންޏެވެ.
އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ހޫނު މޫސުމުގައި އެގައުމުގައި މެގްޕައި ހަމަލާތައް އިތުރުވެ އެވެ. އެ ދޫންޏަކީ އެގައުމުގެ ގާނޫނު އަސާސީން ހިމާޔަތްކޮށްފައިވާ ދޫންޏެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ހަމަލާދޭ ދޫންޏަކާ ބެހޭ ގޮތުން ގޮތެއް ނިންމުމުގެ އިހުތިޔާރު ސިޓީތަކުގެ އިސް ފަރާތްތަކަށް ދީފައިވެ އެވެ.
އެގޮތުން މިމަހުގެ ކުރީކޮޅު ސިޑްނީގެ ކައުންސިލަކުން މެގްޕައިއެއް މަރާލި މައްސަލަ އެގައުމުގައި ވަރަށް ހޫނުވި އެވެ. އެކައުންސިލުން ބުނި ގޮތުގައި އެ މެގްޕައިއަކީ އެތައް އަހަރުތަކެއް ވަންދެން އިންސާނުންނަށް ހަމަލާ ދީފައިވާ ދޫންޏެވެ. އަދި އެދޫނި ދިން ހަމަލާއެއްގެ ސަބަބުން އެކަކަށް ހާޓް އެޓޭކެއް ޖެހި، ބައެއް މީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށްވެސް ކައުންސިލުން ބުންޏެވެ.