އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ޕާކިސްތާންގެ ބޮޑުވަޒީރު ސައްޔިދު ޔޫސުފް ރަޒާ ގީލާނީ 17 ވަނަ ސާކް ސަމިޓްގެ އަރިމަތީގައި އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލި ރިޒޯޓްގައި މިއަދު ހެނދުނު ބައްދަލުކުރައްވައިފި ކަމަށް ވަނީ ޚަބަރުލިބި ފައެވެ. މިއީ މިދިޔަ މާޗް މަހު އިންޑިޔާގައި ބޭއްވި ކްރިކެޓް މުބާރާތެއްގެ ތެރެއިން ސިންގްއާއި ގީލާނީ ބައްދަލުކުރެއްވުމަށް ފަހު އެ ދެ ބޭފުޅުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާންތަކުގައި ސިން އާއި ގީލާނީ ވެސް ވަނީ ދެ ޤައުމުގެ ގުޅުންތައް ބަދަހި ކުރުމާއި ތަރައްޤީކުރުމުގައި ވަރަށް އުންމީދީ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށް ރާއްޖޭގެ މީޑިޔާ އާއި ބައިނަލްއަޤްވާމީ ނޫސްއެޖެންސީތައް ބުނެފައިވެ އެވެ.

ނިއުކްލިޔާ ދެބާރު ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާނަކީ ދެކުނު އޭޝިޔާ ސަރަޙައްދުގެ އެންމެ ބޮޑު އަދި ޢަސްކަރީގޮތުން އެންމެ ބާރުގަދަ ދެޤައު ކަމަށްވާ އިރު ދެކުނު އޭޝިޔާ ސަރަޙައްދުގެ ހަމަޖެހުން ބިނާވެފައިވާ މައިގަނޑު އަސާސަކީ އެދެޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމްވެފައިއޮތުމެވެ.

މާޒީއަށް ބަލާ އިރު އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުންތަކަކީ ހަލަބޮލި އިތުބާރުނެތް އަދި ނުތަނަވަސް ގުޅުންތަކެކެވެ. ދެ ޤައުމެއްގެ ގޮތުގައި 1947 ގައި އިންޑިޔާ އާއި ޕާކިސްތާން ވުޖޫދަށްއައި ފަހުން ދެޤައުމު 3 ފަހަރެއްގެމަތިން ހަނގުރާމަކޮށްފައިވެ އެވެ. އެއީ 1948، 1965 އަދި 1971 ގައެވެ. އެއަށް ފަހު ކަރްގީލްގެ މައްސަލާގައި 1999 ވަނައަހަރު ދެޤައުމު ހަނގުރާމައިގެ ތުންފަތްމައްޗަށް ދިޔަނަމަވެސް ކަރްގީލްގެ ކުރިމަތިލުންތައް ހަނގުރާމައަކަށް ބަދަލުނުވީ ކޮންމެޤައުމަކަށްވެސް އަނެއްޤައުމެއް ފަނާކޮށްލެވޭފަދަ ނިއުކްލިޔަރ ޤާބިލްކަންހުރުމުން އެއްޤައުމު އަނެއްޤައުމުދެކެ ބިރުންކަމަށް އެދުވަސްވަރު މުޙައްލިލުން ސިފަކުރައްވާފައިވެއެވެ.

ނިއުކްލިޔަރ ހަތިޔާރުން ޙަމަލާދިނުމުގެ ޤާބިލްކަން (ނިއުކްލިޔަރ ވެޕަންސް ޑެލިވަރީ ސިސްޓަމްތައް) މިދެޤައުމަށްވެސް ލިބިފައިވުމުން، ކުރިން ހަނގުރާމަކުރިގޮތަށް ދެޤައުމުގެ ދެމެދުގައި އިތުރު ހަނގުރާމައެއް ހިނގުމުގެ ބިރު މިހާރުކުޑަވެފައިވެއެވެ.

ނަމަވެސް ކުރިއާއި ފަހުގެ ތާރީޚުތަކަށްބަލާއިރު ދެޤައުމުގެ ގުޅުންތައް ގޮސްފައިވާތަން ފެންނަނީ ތޮށަލި ދުޅައިގެ ބީދައިންނެވެ. 1999 ގެ ކަރިގީލްގެ ކުރިމަތިލުންތަކަށްފަހު ދެޤައުމުގެ ގުޅުންތައް ހަމައަކަށް އެޅެމުންދަނިކޮށް 2008 ވަނައަހަރުގެ މުންބާއި ޙަމަލާތަކަށްފަހު ދެޤައުމުގެ ގުޅުންތައް އާދަޔާ ޚިލާފަށްގޯސްވެގެންދިޔައެވެ. އެއަށްފަހު 2010 ން ފެށިގެން ދެޤައުމުގެ ގުޅުންތައް މަޑުމަޑުން ރަނގަޅުވާން ފެށިނަމަވެސް މިގުޅުންތައް ރަނގަނޅުވަމުންދަނީ ވަރަށް ލަސްސްޕީޑެއްގައެވެ. އިތުބާރުކުޑަ ޝައްކާއި ވަހްމުގެ މާޙައުލެއްގައެވެ.

ގުޅުންތައް ރަނގަޅުކުރުމަށާއި އިތުބާރު އަލުންބިނާކުރުމަށްޓަކައި މިއަހަރުގެ މާރޗްމަހުން ފެށިގެން ދެޤައުމުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ޕާކިސްތާނުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށްވަނުމުގެ ސަބަބުން ހިފަހައްޓާފައިވާ ހެލިކޮޕްޓަރަކާއި އޭގެ ފަޅުވެރިން ޕާކިސްތާނުން މިނިވަންކޮށް އިންޑިޔާއާ ޙަވާލުކުރުން ހިމެނެއެވެ. އަދި ޕާކިސްތާނާ އެންމެގާތް ވިޔަފާރީގެ ބައިވެރިޔާކަމުގެ މަޤާމް އިންޑިޔާއަށް ދިންކަން މިދިޔަ ހަފްތާގައި ޕާކިސްތާނުން އިޢްލާންކުރުމަކީވެސް ދެޤައުމުން ކުރިޔަށްއެޅި ފިޔަވަޅެކެވެ. މީގެއިތުރުންވެސް ގުޅުންތައް ރަނގަނޅު ކުރުމަށް ދެޤައުމުން މަސައްކަތްތަކެއްކޮށް ފިޔަވަޅުތަކެއް ކުރިޔަށް އަޅަމުން އެބަގެންދެއެވެ.

ނަމަވެސް ދެޤައުމުގެ ގުޅުންތަކަށް އެޅިފައިވާ މައިގަނޑު ހިޔަނި ކަމަށްވާ ކަޝްމީރުގެ މައްސަލަ އޮތީ ކުރިއެކޭވެސް އެއްގޮތަށް ޙައްލުނުވެއެވެ. ކަޝްމީރުގެ ރައްޔިތުން އެދޭގޮތެއްގެމަތިން އެސަރަޙައްދުގެ މުސްތަޤްބަލް ކަނޑައެޅުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު ތަންފީޒުކުރުމަށް ޕާކިސްތާނުން އެދޭއިރު އިންޑިޔާ އަދިވެސްއޮތީ އެކަމަށް އިޖާބަދޭގޮތަކަށްނޫނެވެ. ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާން ރައްޔިތުންގެ ލެއާގުޅިފައިވާ މައްސަލައެކެވެ. މިއީ ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ އަދި ހަނގުރާމަވެރި ޖަމާއަތްތަކާއި ޢާންމުކޮށް މުޅިރައްޔިތުންވެސް އެއްގަލަކަށްއަރާ ހަމައެކަނި މައްސަލަވެސްމެއެވެ. އެހެންކަމުން ކަޝްމީރުގެ މައްސަލަ ހައްލުނުވަނީސް ދެޤައުމުގެ ގުޅުންތައް ފުރިހަމަގޮތުގައި ރަނގަނޅުވުމުގެ ފުރްސަތު ނެތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިޔާއޮތީ ތަންފުކެއްވެސް ދުދޭގޮތަކަށްނޫނެވެ. ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އަދި އދ. ގެ ޤަރާރާއެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކުރަންއުޅުމަކީ އެސަރަޙައްދު އިންޑިޔާގެ ކިބައިން ބީވެގެންހިނގައިދާނެ ކަމެއްކަމަށް އިންޑިޔާދެކެއެވެ. މީގެއިތުރުންވެސް އިންޑިޔާއާމެދު ޕާކިސްތާން ކަންބޮޑުވާ އެތަށް ކަމަކާއި ޕާކިސްތާނާމެދު އިންޑިޔާ ކަންބޮޑުވާ އެތަށްކަމެއް އެބައޮތެވެ. އިންޑިޔާ ބައނަލްއަޤްވާމީ ބޮޑުބާރެއްގެ ގޮތުގައިފާޅުވެ ޚާއްސަކޮށް ދެކުނުއޭޝިޔާ ސަރަޙައްދުގައި އިންޑިޔާގެ ބާރާއި ނުފޫޒު ގަދަވެގެން ދިޔުމަކީ ޕާކިސްތާން ކަންބޮޑުވާ ކަމަކށްވާއިރު ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާމެދު އިންޑިޔާ އިންތިހާއަށް ޖެހިލުންވެއެވެ.

އެމެރިކާއަށްވެސް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދިފައިނުވާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާޢަތާއި އަލްޤާޢިދާފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިތުރުން ޕާކިސްތާނުގެ ތާލިބާނުންނާއި ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތްތަކަކީ އިންޑިޔާ އިންތިހާއަށް ބިރުގަންނަ ޖަމާއަތްތަކެކެވެ. އިންޑިޔާއާ ދެކޮޅަށް ޕާކިސްތާނުން ކުރާ ކޮންމެކަމެއްގައި މިޖަމާއަތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ޕާކިސްތާނަށް ލިބޭނެކަމަށް އިންޑިޔާ ދެކެއެވެ.

މިދެންނެވި ހަނގުރާމަވެރި ޖަމާއަތްތަކާއިޕާކިސްތާނުގެ ޖާސޫސީ ބައެއް ފަރާތްތަކާ ދެމެދު ފޮރުވިފައިވާ މަސްލަޙީ ސިއްރު ގުޅުންތަކެއް އަޑިއަޑިން އޮންނަ ކަމަށާއި އިންޑިޔާއާދެކޮޅަށް އެންމެ ހައްސާސީ ދަނޑިވަޅުތަކުގައި އެކާޑު ޕާކިސްތާނުން ޖަހާނެކަމުގެ ބިރު އިންޑިޔާ އިންތިހާއަށް އިޙްސާސް ކުރެއެވެ.

މީގެއިތުރުން 2014 ވަނައަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާއިރު އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަންބެލެހެއްޓުމުގެ ދައުރެއް އިންޑިޔާއަށް ދިނުމުގެ ވިސްނުމެއް އެމެރިކާއާއި އަފްޣާނިސްތާނުން ގެންގުޅެންފަށާފައިވުމަކީ ޕާކިސްތާން ކަންބޮޑުވާކަމެކެވެ. އަފްޣާނިސްތާނަކީ ޕާކިސްތާނުގެ އަމްނާއި ސަލާމަތާ ގުޅިފައިވާ ޖިއޮސްޓްރެޓީޖިކް ސަރަޙައްދަކަށްވާއިރު އަފްޣާން މަސްރަޙަށް އިންޑިޔާ ކުޑަކޮށްވެސް ވަނުމަކީ ޕާކިސްތާނަށް ބަލަންފަސޭހަ މަންޒަރަކަށް ނުވެއެވެ.

އެމެރިކާއިން މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީގެ ގުޅުންތަކާއި ޢަސްކަރީ ޓެކްނޮލޮޖީގެ ގުޅުންތައް އިންޑިޔާއާއެކު ތަރައްޤީކުރަމުން ގެންދާ މަންޒަރު ޕާކިސްތާން ބަލަނީ ކަންބޮޑުވުމާއި ޝައްކުގެ ނަޒަރަކުންނެވެ. އިންޑިޔާއާ ޚިލާފަށް މިބާވަތުގެ ގުޅުންތައް ޕާކިސްތާނާ ތަރައްޤީކުރުމަށް އެމެރިކާ ބޭނުމެއްނުވެއެވެ. ނަތީޖާއަކީ ދުނިޔޭގެ ބޮޑުބާރަކަށް ވަމުންއަންނަ އަދި އިންޑިޔާގެ އެންމެ ބޮޑު އެއްވާދަވެރިޔާ ކަމަށްވާ ޗައިނާއާއެކު ނިއުކްލިޔަރ އަދި ޢަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކެއް ޕާކިސްތާން ބަދަހިކުރަމުން ގެންދިޔުމެވެ. އަދި މިގުޅުންތަކާއެކު އިންޑިޔާއާއި ޕާކިސްތާނުގެ ވާދަވެރިކަމާއި ނުތަވަސްކަން ބޮޑުވެގެންދިޔުމެވެ.