16 Sep 2019, 15:23
ރާއްޖެ ޓީވީން ގެނެސްދޭ "މާކަނާ ޝޯ"ގައި ހުތުރު ބަހުރުވައިން ކޮންޓެންޓް ގެނެސްދީފައިވާތީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް އެ ޕްރޮގްރާމް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ދެއްކި "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާ ކަމަށް ފާހަގަވާތީ ބްރޯޑްކޮމް އިން ވަނީ އެ މައްސަލަ ބަލައިފަ އެވެ.
މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން ބުނީ ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުގެ އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭޕްރީލް މަހު ގެނެސްދިން "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާކަން ފާހަގަ ކުރަމުން ބްރޮޑްކޮމްއިން ބުނީ އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި، އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުމަށް ބުނާ މާއްދާއާ ހިލާފު ކޮންޓެންޓެއް ކަމަށެވެ.
އަދި އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، މީގެ ފަހުން "މާކަނާ ޝޯ" ގެނެސްދޭން ވާނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް ކަމަށް ރާއްޖެ ޓީވީއަށް ވަނީ އަންގައިފަ އެވެ.
އަދި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާނަމަ، އިސްލާހުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓްނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
"ހަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް “މާކަނާ ޝޯ” ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާނަމަ، އިސްލާހުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓްނުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ އެވެ،" ބްރޯޑްކޮމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.
ކޮމިޝަނުން ބުނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޕްރައިވެޓް ލިމިޓެޑަށް ފުރުސަތު ދިން ނަމަވެސް އެ ސްޓޭޝަނުން މައްސަލައަށް މައުޟޫއީ ގޮތުން ޖަވާބުދާރީވެފައިނުވާ ކަމަށެވެ.
އެގޮތުން، މައްސަލައަށް ޖަވާބުދާރީވުމަށް އަންގައި ކޮމިޝަނުން ފުރަތަމަ ފޮނުވި ސިޓީގެ ޖަވާބުގައި، އެ ސްޓޭޝަނުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއި މައްސަލައާގުޅޭ ކޮންޓެންޓަކީ ބޮޑު ކޮންޓެންޓެއް ކަމަށް ގަބޫލުކުރެވޭތީ ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ރާއްޖެޓީވީން އެދުމުން މުއްދަތު އިތުރުކޮށްދީފައި ވާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
އަދި ރާއްޖެ ޓީވީން އެދުމުން މައްސަލައާ ގުޅޭ ކޮންޓެންޓްގެ ހިލާފުވާކަމަށް ބެލެވޭ މާއްދާއާއި ސަބަބު ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އަދި ހަތަރު ފުރުސަތުގެ ތެރެއިން ފަހު ދެ ފުރުސަތުގައި ރާއްޖެ ޓީވީން ތަކުރާރުކޮށް އިޖުރާއީ ނުކުތާ ނަގާފައިވަނީ، ރާއްޖެ ޓީވީ ޕްރައިވެޓް ލިމިޓެޑުން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ސާފުކޮށްދީފައިވަނިކޮށް ކަމުގައިވާތީ، އެއީ މައްސަލަ ސާބިތުވެއްޖެ ނަމަ، އަޅާފާނެ ފިޔަވަޅަކުން ބަރީއަވުމަށް ކުރަމުންދާ މަސައްކަތެއް
ކަމުގައި ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.
އަދި، މައްސަލައަށް ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން ދިން ފުރުސަތުގައިވެސް މައްސަލައާ ގުޅޭ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން ކަމަށް ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ނުވަތަ ނޫން ކަމަށް ރާއްޖެ ޓިވީ ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެ ފޮނުވި ސިޓީތަކުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
ކުށް އިސްލާހުކޮށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުމުގެ އިހްތިޔާރު ބްރޯޑްކޮމް އަށް ލިބިފައިވާ ކަމަށެވެ. ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ އެ ކޮމިޝަންގެ ޒިންމާއަކަށް ވާއިރު އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާންޖެހޭ ކަމަށް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.