ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާ ޕޯޓުގައި ދަމާފައިވާ އިސްލާމް ދީނާ ހިލާފު ބޭނާތައް ނެއްޓެވުމަށް ރޭ ދިޔަ މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށާއި އެ މީހުން ދޫކޮށްލުމަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ފުލުހުންނަށް މިއަދު ގޮވާލައިފި އެވެ.

ޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބެނާތައް ނެއްޓުމަށް ހުޅުލެއަށް ދިޔަ މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތުން ފުލުހުންނަށް ބަޔަކުކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އަދި ޣައިރު ގާނޫނީ އަމުރުތަކަށް ބޯނުލެނބުމަކީ ކޮންމެ ފަރާތަކަށް ވެސް ގާނޫނު އަސާސީގެ 64 ވަނަ މާއްދާ އިން ލިބިދީފައިވާ ހައްގެއް ކަން ފުލުހުންނަށް ހަނދާކޮށްދޭ ކަމަށާއި ރޭ ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
އެއާޕޯޓުގައި ހަރުކޮށްފައިވާ ކަމަށް ބުނާ ބެނާތަކަކީ ރާއްޖެ ކަހަލަ އިސްލާމީ ގައުމެއްގައި ބެހެއްޓިގެންވާނެ އެއްޗެހިތަކެއް ނޫން ކަމަށާއި އެ އެއްޗިއްސަކީ ދިވެހި ރާއްޖެ އަށް އެތެރެކުރުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެކޮށް ހަރުކޮށްފައިވާ ބެނާތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"... އިސްލާމްދީނަށް އިހާނާތްތެރިކޮށް ހިތޭ ފަދަ ތަކެތި ދިވެހި ރާއްޖެ އަށް އެތެރެކުރެވިގެން ނުވާނެ ކަމަށް ދިވެހި ރާއްޖެ އަށް އެތެރެކުރުން މަނާތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކީ މިދެންނެވި ގާނޫނުގެ ދަށުން މަނާކަމެއްކަމަށްވާ އިރު، ދިވެހި ސަރުކާރުގެ ފަރާތުންދަނީ މިދެންނެވި ގާނޫނުގެ ބާރު ކަނޑުވާލަމުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް،" އެ ބަޔާނުގައިވެ އެވެ.

އެކަމަކީ ދީނީގޮތުން ހިލާފު އުފެދޭ ކަމަކަށްވާ އިރު ދީނީގޮތުން ޚިލާފު އުފެދޭ އެފަދަ ކަންކަން ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފްކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ޕީއޭ އިން މިހެން ބުނާއިރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައިވެސް ދީނާއި ހިލާފު ބެނާތަކާއި، ބުދު ހިމެނޭ މޮނިއުމެންޓުތައް ހަރުކޮށްފައިވާތީ ބަޔަކުވަނީ ބެނާތައް ނައްޓައި، ބުދު ހިމެނޭ މޮނިއުމެންޓު ދެ ފަހަރެއްގެ މަތިން ވައްޓާލާފަ އެވެ.

އިސްލާމިކް މިނިސްޓާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރި މިއަދު ވިދާޅުވީ ބުދުތަކެއް ވެސް އަދި ބެނާތައްވެސް ރާއްޖެ އެތެރެ ކުރުމުގެ ހުއްދައަކަށް އެ މިނިސްޓްރީގައި އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށާއި، އަދި އެފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އެމިނިސްޓްރީން ދީފައި ނުވާނެ ކަމަށެވެ.