16 Sep 2019, 12:40
އާޖެންޓީނާއަށް ކުރިން ވޯލްޑް ކަޕު އުފުލާލަދިން ޑިއޭގޯ މަރަޑޯނާ އެގައުމުގެ ކުލަބެއް ކަމަށްވާ ޖިމްނާސިއާ އެސްގްރިމާ ލަ ޕަލްޓާއާއި ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރެޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފެށި ކޯޗިންގް ކެރިއަރުގައި މިހާތަނަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭނާ ފުރަތަމަ ބޮޑު ޓީމަކަށް 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.

ޑިއެގޯ މަރަޑޯނާ އާޖެންޓީނާގެ ކޯޗަކަށް ހުރި އިރު އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އިރުޝާދުދެނީ. މަރަޑޯނާ ބުނީ އަނެއްކާވެސް ގައުމީ ޓީމާ ހަވާލުވުމަށް ތައްޔާރަށް ހުރި ކަމަށް -- ފޮޓޯ: ލެޓިންޓައިމްސް
އޭގެ ފަހުން ވެސް މެކްސިކޯއާއި އާޖެންޓީނާގެ އެކި ކުލަބުތަކަށް އޭނާ ކޯޗުކަން ކޮށްދިން އިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އުމުރުން 58 އަހަރުގެ މަރަޑޯނާ އެންމެ ފަހުން ކޯޗުކަން ކޮށްދިން މެކްސިކޯގެ ޑޮރަޑޯސް ވެސް މަރަޑޯނާގެ ކޯޗުކަމުގައި ވަނީ ރެލިގޭޓް ވެފަ އެވެ. މަރަޑޯނާ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ހުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.
އާޖެންޓީނާގެ ޖިމްނާސިއާގެ ކޯޗު ކަމާއި ދާދި ފަހުން މަރަޑޯނާ ހަވާލުވީ އެކުލަބު ނަގައި ކޮޅަށް ޖަހާނެ ކަމަށް ވައުދު ވަމުންނެވެ. މިވަގުތު ތާވަލުގެ ފުލުގައި އޮތް ޖިމްނާސިއާ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެެއިން ފަސް މެޗުން ބަލިވި އިރު ދެން ކުޅުނު މެޗުން ވީ އެއްވަރެވެ.
ރޭގެ މެޗުގައި އިދިކޮޅު ޓީމުން ގޯލެއް ޖަހައިފައި ވަނިކޮށް ޖިމްނާސިއާއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި އަނެއްކާ ވެސް އިދިކޮޅު ޓީމުން ވަނީ ގޯލެއް ޖަހައިފަ އެވެ.
މަރަޑޯނާ ބުނީ މިއީ ފުޓުބޯޅައިގައި އާއްމުކޮށް ދިމާވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތާ ރަނގަޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިދިކޮޅު ޓީމުގައި ތިބީ ބޯޅަ ހިފަހައްޓައިގެން ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިން އަތުން ބޯޅަ އަތުލުމަކީ އުނދަގޫ ކަމެއް ކަމަށް މަރަޑޯނާ ބުންޏެވެ.
"އަހަރެން މިހުރީ ވަރަށް ދެރަވެފަ. އިދިކޮޅަށް ކުޅުނީ އާޖެންޓީނާގެ ޗެމްޕިއަން. އަހަރެންގެ ޓީމުން މޮޅަށް ކުޅުނު."