10 Nov 2011, 14:24
ސާކް ސަމިޓް ޕްރޮމޯޓްކުރުމަށް ތަފާތު އެކި ދީން ރަމްޒުކޮށްދޭ ގޮތަށް، ޖީއެމްއާރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރުކޮށްފައިވާ ބޭނާތަކާ ގުޅޭ ގޮތުން ޝުއޫރު ފާޅުކުރުމަށް ދިޔަ މީހުނާ އެކު ނޫސްވެރިން ކަނޑުމަތިން ހިފަހައްޓައި ހައްޔަރު ކުރުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި ބިރުދެއްކުމަށް ފުލުހުން ކުރި ކަމެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން މިއަދު ބުނެފި އެވެ.
ހުޅުލެ އަށް އެރުމަށް ފެރީގައި ދިޔަ މީހުންނާ އެކު 13 ނޫސްވެރިން ހައްޔަރުކޮށް، ދޫނިދު އަށް ގެންދިޔަ އަމަލު ކުށްވެރިކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ދޫނިދު އަށް ގެންގޮސް އިއްޔެ ހައްޔަރު ކުރި ނޫސްވެރިންގެ ފާހާއި ފޯނު ފަދަ ތަކެތި އަތުލައި ދޯނީގައި ތިބި އެހެން މީހުންނާ ވާހަކަ ދެއްކި އުސޫލުން ފުލުހުން ނޫސްވެރިންނާ މުހާތަބުކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންނަކީ ތަފާތު އެކި ކަންކަން ޒިންމާދާރުކަމާ އެކު އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަމަށާއި ފުލުހުންގެ އަމަލްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު އާންމު ކުރަނީ ނޫސްވެރިންކަން ދެނެތިބެ، އެފަރާތްތަކަށް ހިމާޔަތް ދިނުމަށް އެމްޖޭއޭ އިން ގޮވާލި އެވެ.
"... ނޫސްވެރިން ހައްޔަރު ކުރި ކުރުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅައި ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ކަމަށް ދެކި، ފުލުހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި ނޫސްވެރިންނާ ދޭތެރޭ އެފަދަ ގޮތަކަށް ކަންކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ހުޅުލެއަށް ދިޔަ ފެރީގައި ތިބި މީހުންނާ އެކު ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްދިނުމަށް އެދި ފުލުހުންގެ އަރިހުގައި އެދުމުން ލަސްނުކޮށް ނޫސްވެރިން ދޫކޮށްފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އިއްޔެ ރޭ 7:00 އެހާކަންހާއިރު ނަސަންދުރާ ޕްލެސް ހޮޓެލް ކުރިމަތީގައި އޮތް ފެރީއެއްގައި ހުޅުލެ އަށް ދަތުރުކުރި މީހުންނާ އެކު ދިޔަ ނޫސްވެރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ވަނީ ރޭ 10 ޖަހަން ކައިރިވެފައި ވަނިކޮށެވެ. އަދި ހުޅުލެއަށް އެރުމަށް ދިޔަ ދެ ފެރީން ހައްޔަރު ކުރި 80 ވަރަކަށް މީހުންގެ ތެރެއިން ރޭ ވަނީ ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.