ގޮހޮރުގައި ހިމެނޭ ޖަރާސީމް ނުވަތަ "މައިކްރޯބްސް" ބޭނުންކޮށްގެން ހުރިހާ ވައްތަރެއްގެ ގްރޫޕްތަކުގެ ލޭ ބްލަޑް އޯ ގްރޫޕަށް ބަދަލުކުރެވޭ ގޮތް ސައިންސްވެރިން ހޯދައިފި އެވެ.

އާންމުކޮށް މީހުންގެ ހުންނަނީ ހަތަރު ވައްތަރެއްގެ ލެއެވެ. އޭގެ ތެރޭގައި އޭ، ބީ، އޭބީ އަދި އޯ އެވެ. އޭގެ ތެރެއިން އޭ ގްރޫޕްގެ ލޭ ހުންނަ މީހަކަށް ބީ ގްރޫޕް ލެއެއް ނޭޅޭނެއެވެ. ނަމަވެސް ކޮންމެ ވައްތަރެއްގެ ލޭ ހުންނަ މީހަކަށްވެސް އޯ ގްރޫޕްގެ ލޭ އެޅި ދާނެއެވެ.

އާންމުކޮށް އިމެޖެންސީ ހާލަަތްތަކުގައި ބަލިމީހުންގެ ގަޔަށް އަޅަނީ އޯ ގްރޫޕްގެ ލެއެވެ.

ލޭގެ ގްރޫޕްތަކުގެ ތެރެއިން އޭ. ބީ އަދި އޭބީގެ ރެޑް ބްލަޑް ސެލްސްތަކުގެ ބޭރުފުށުގައި ވަކި ބާވަތެއްގެ ހަކުރުތަކެއް ހުންނަކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެ ހަކުރުތައް ނައްތާލެވިއްޖެނަމަ އޯ ގްރޫޕްގެ ލެޔަށް ބަދަލުކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ނަމަވެސް މިހާތަނަށްވެސް އެ ހަކުރުތައް ނައްތާލެވޭވެ އެންޒައިމްއެއް އޮތީ ނުހޯދިއެވެ. ނަމަވެސް ދާދި ފަހުން ވަނީ ލޭގެ ގްރޫޕްތަކުގައި ހުންނަ ވައްތަރުގެ ހަކުރު ގޮހޮރުންވެސް ފެނިފައެވެ. އަދި އެ ހަކުރުގައި ހުންނަ އެންޒައިމްއެއް ސައިންސްވެރިން ވަނީ ވަކިކޮށް ހުރިހާ ވައްތަރެއްގެ ލޭ އޯ ގްރޫޕަށް ބަދަލުކުރެވޭނެ ގޮތް ހޯދައިފައެވެ.

ސައިންސްވެރިން ބުނީ އެ ހޯދުމަށް ފަހު ދެން އޮތީ އޭގައި އެއްވެސް ކަހަލަ ސައިޑް އިފެކްޓްއެއް އުޅޭކަން ހޯދުން ކަމަށެވެ.