ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި އެތެރެކުރުން މަނާ އެއްޗެހިތަކެއް ރާއްޖެ އަށް އެތެރެކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ 17 ވަނަ ސާކް ސަމިޓާ ގުޅިގެން އެ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމަންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީންތަކުން އަޅުކަން ކުރަން ބޭނުން ކުރާ ބުދު ފަދަ ތަކެތި އަޅުކަން ކުރަން ނޫން އެހެން ގޮތަކަށް ވެސް ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި އައްޑޫ ސިޓީގައި އެފަދަ ބުދެއް ބެހެއްޓިކަން އެގުނު ވަގުތުން ފެށިގެން އެކަންތައް ބެއްލެވި ކަމަށާއި އެ ބުދުތައް ނަގައި ދިނުމަށް ޕާކިސްތާނުގެ ހައިކޮމިޝަނާ ވާހަކަ ދައްކަވާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެކަންތައް އެނގުމުން އެ ސަރަހައްދަށް ގޮސް ބަލާލިން. އޭރަކު އެ އެއްޗިއްސެއް ނެތް. ފަހުން އަޅުގަނޑު އެއާޕޯޓަށް ދިޔަ މަގުމަތީގައި އެ ހަބަރު އަނެއްކާ ވެސް ލިބުމުން އަޅުގަނޑު އެއާޕޯޓުން ޕާކިސްތާނުގެ ހައި ކޮމިޝަނާ ބައްދަލުކޮށްގެން އަޅުގަނޑު ދެންނެވިން އެއީ ރާއްޖޭގެ ގާނޫނާ ހިލާފު ތަކެއްޗޭ އެތަކެތި އެ ބޭފުޅުން އެތަނުން ނެގުމުންނޭ މައްސަލަ ސުލްހަވެރި ގޮތަކަށް ނިމޭނީ،"

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުން ނުކުމެ އެ ބުދުތައް ނަގަން ޖެހުމުން ހަމަނުޖެހުންތަކެއް ހިގާނެ ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނާ އަށް ދެންނެވުމުން، ރާއްޖޭގެ ގާނޫނާ ފުށޫއަރާ ކަމެއް ކުރަން އެއްގޮތަކަށް ވެސް ބޭނުންފުޅު ނުވާ ކަމަށާއި އެހެން ނަމަވެސް ސަމިޓް ކުރިއަށްދާ ވަގުތުގައި އެ އެއްޗެހި ނަގަން އުނދަގޫ ވާނެތީ ސަމިޓް ނިމުމުން އެ އެއްޗެހިތައް ނަގައި ދެއްވާނެ ކަމަށް ޕާކިސްތާނުގެ ހައި ކޮމިޝަނާ ވިދާޅުވެފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި މޮނިއުމަންޓްތަކެއް ބެހެއްޓުމުގެ އިތުރުން ފުވައްމުލަކާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިސްލާމްދީނާ ފުށު އަރާ ފަދަ ބެނާތަކެއް ވަނީ ބަހައްޓާފަ އެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ބަޔަކު ނުކުމެ ވަނީ އެ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމަންޓެއް ވައްޓާލާފަ އެވެ. އަދި ފުވައްމުލަކުގައި ދަމާފައި ހުރި ބެނާތަކަކަށް ވެސް ބަޔަކު ވަނީ ގެއްލުންތަކެއް ދީފަ އެވެ.