16 Sep 2019, 08:33
ކައިވެނި ކުރިތާ 57 އަހަރުފަހުން، އަލަތު ދަރިން ލިބުނު ދެމަފިރިންގެ ހާލު ދެރަވެ އައިސީޔޫގައި އެޑްމިޓްކޮށްފިއެވެ. އުމުރުން 74 އަހަރުގެ މަންގަޔައްމާ އާއި 78 އަހަރުގެ އޭނާގެ ފިރިމީހާ ރާއޯއަށް އައިވީއެފް މެދުވެރިކޮށް ޓްވިންސް އަންހެން ކުދިން ލިބިފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މަންގަޔައްމާ އަޢި ފިރިމީހާ ރައޯ
އެންމެ މުސްކުޅި މަންމައާއި ބައްޕަގެ ނަން ދީފައިވާ މިދެމަފިރިންގެ ތެރެއިން އަންހެންމީހާ މަންގަޔައްމާގެ ހާލު ގޯސްވެފައިވަނީ ވިހެއުމުގެ ތެރެއިން ސްޓްރޯކެއް ޖެހުމުންނެވެ. އަދި ފިރިމީހާ ރާއޯގެ ހާލު ދެރަވީ އޭނޭ ބައްޕައަކަށް ވީތާ އެއްދުވަސްފަހުން ކުއްލިގޮތަކަށް ހާޓް އެޓޭކެއް ޖެހިގެނެވެ. އެހެންކަމުން ދެމީހުންނަށްވެސް އަންނަނީ އަންދަރް ޕްރަދޭޝްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މީގެ ކުރިންވެސް ދަރިން ހޯދުމަށް އެތަށް މަސައްކަތެއްކޮށް ނާކާމިޔާބުވި މި ދެމަފިރިންނަށް އައިވީއެފް ޚިޔާލު ލިބުނީ އެމީހުންގެ އަވަށްޓެރިއަކަށް 55 އަހަރުގައި އައިވީއެފްގެ ޒަރިއްޔާއިން ކުއްޖަކު ލިބުމުން ކަމަށް ބައެއް މީޑީއާތަކުގައި ހާމަކޮށްފައިވެއެވެ.
އެެހެންކަމުން އެ ކްލިނިކަށް ގޮސް އެމީހުންގެ ޕްރޮސެސް ފެށިއިރު، މަންގަޔައްމާ ވަނީ ދަރިން ނުލިބޭ އުމުރަށް ގޮސްފައެވެ. އެހެންކަމުން މި އައިވީއެފްގައި ބޭނުންކޮށްފައިވަނީ ޑޯނަރެއްގެ ބިހެވެ.
ޖެނުއަރީގައި ބަނޑުބޮޑުވިކަން ޔަގީންވިއިރު، ކާމިޔާބު ކަމާއެކު މިކަން ކުރިއަށްދާނޭ ކަމާއިމެދު އޭރު ޝައްކުތަކެއް ހުރުމުން ނުވަމަސްދުވަސް އެ ދެމަފިރިން ހޭދަކޮށްފައިވަނީ ހޮސްޕިޓަލް ގައެވެ.
މީގެ ކުރިން ރާއޯ ބުނެފައިވަނީ ދަރިން ބެލުމުގެ ޒިންމާ އުފުލާނީ އޭނާއާއި އަނބިމީހާ ކަމަށެވެ. ނަމަވެސް ދެމީހުންގެ ހާލުވެސް ގޯސްވުމުން މިވަގުތު ދަރިން ބަލަމުންދަނީ ގާތް ތިމާގެ މީހުންނެވެ.