16 Sep 2019, 08:39
ތޫނިސް (ސެޕްޓެމްބަރު 15): އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައްޔިތުން ވޯޓުލުމުގެ ކަންތައް މިއަދު ހެނދުނުން ފެށިގެން އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށްދާ ކަމަށް އެގައުމުން ބުނެފި އެވެ.
ތޫނިސްގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ އިދާރާއިންބުނީ ވޯޓުލުމަށްޓަކައި އެގައުމުގެ އެކިކަންކޮޅުތަކުގައި 13 ހާސް ވޯޓުލާމަރުކަޒު ހުޅުވާފައިވާ ކަމަށާ މިއަދު ހެނދުނު 7:00 ން ފެށިގެން ރައްޔިތުން ވޯޓުލަމުން ގެންދާކަމަށާ ވޯޓުލުމުގެ ކަންތައް ދަނީ އަމާންކަމާއި އޮމާންކަމާއެކުގައި ކަމުގައެވެ.
ތޫނިސްއަކީ 2011 ވަނައަހަރު އަރަބި ގައުމުތަކަށް އައި ޑިމޮކްރަސީގެ އޮއިވަރު ނުވަތަ އަރަބި ރަބީއު އައި ފުރަތަމަ ގައުމެވެ. އެ އޮއިވަރުގައި އެގައުމުގެ އޭރުގެ ރައީސް ޒައިނުލްއާބިދީން ބިން އަލީ ގައުމު ދޫކުރައްވާފައި ފިއްލަވައިގެން ވަޑައިގެންނެވީ ސައޫދީ އަރަބިޔާ އަށެވެ. ބިން އަލީގެ ވެރިކަން ނިމުމަށްފަހު ތޫނިސްގައި ކުރިޔަށްދިޔަ އިންތިގާލީ މަރްހަލާއަށްފަހު އެގައުމުވަނީ ބޮޑެތި ގޮންޖެހުންތަކާ އަދި ބައެއް ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކާއެކުވެސް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ފުރިހަމަ ޑިމޮކްރަސީ އަކަށް ބަދަލުވެގެން ގޮސްފައެވެ.

ތޫނިސްގެ ރައްޔިތުން ވޯޓުލަނީ
އިންތިގާލީ މަރްހަލާއަށްފަހު ދެފުއްފެންނަ ގޮތަށް މިނިވަންކަމާއެކު ބޭއްވި އިންތިޚާބާއެކު ރިޔާސީ ދަރުރެއް ފުރިހަމަކުރައްވަނިކޮށް އެގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަލްބާޖީ ގާއިދް އައްސިބްސީ މިދިޔަ ޖުލައިމަހުގެ ފަހުކޮޅުވަނީ އަވަހާރަވެފައެވެ. އެއާއެކު ވަގުތީގޮތުން އެގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ޕާލަމެންޓްގެ ރައީސް މުހައްމަދުއައްނާސިރު އެވެ. ނާސިރުގެ ޒައާމަތަށް 90 ދުވަސް ފުރުމުގެ ކުރިން އިންތިޚާބު ބާއްވައި އަލުން ރައީސަކު އިންތިޚާބުކުރަންޖެހެއެވެ. މިގޮތުން އޭނާގެ ޒަޢާމަތަށް ދެމަސްވެސްނުވަނީސް މިއަދުވަނީ ރިޔާސީ އިންތިޚާބު ބާއްވާފައެވެ.
މިއިންތިޚާބުގައި 26 ބޭފުޅަކު ވާދަކުރައްވާއިރު މީގެތެރޭގައި އެކި ފިކުރާއި ޚިޔާލުގެ ބޭފުޅުން ހިމެނެއެވެ. ދީނީ ފިކުރުގެ ބޭފުޅުންނާއި އިލްމާނީ ނުވަތަ ދީނާއި ދައުލަތް ވަކިކުރުމުގެ ލެބްރަލް ފިކުރުގެ ބޭފުޅުންނާއި މެދުމިނުގެ ފިކުރުގެ ކެންޑިޑޭޓުން ހިމެނެއެވެ. ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި އަންހެން ބޭފުޅުންވެސް ހިމެނެއެވެ. ތޫނިސްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އަދަދު 7 މިލިޔަނަށް އަރައެވެ.
ތޫނިސްގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ އިދާރާއިންބުނީ ވޯޓުފޮށިތައް އެގައުމުގެ ގަޑިން މިރޭ 8:30 ގައި ބަންދުކުރާނެ ކަމަށާ ވޯޓު ގުނުމުގެ ކަންތައް ކުރިޔަށްގެންދާނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ކަމުގައެވެ. އިންތިޚާބުގެ ނަތީޖާ ނެރޭނީ ދެދުވަސްފަހުންކަމަށްވެސް އެ އިދާރާއިންބުނެއެވެ. (އަލްޖަޒީރާ)