15 Sep 2019, 19:48
ޑިމޮކްރަސީގެ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، އެބައެއްގެ ސަގާފަތާއި އަގީދާއާ ފުށުނާރާ ގޮތަށް އެ މުޖުތަމައަކަށް ޑިމޮކްރަސީ ފައްކާކުރެވޭނެ ކަމަށާއި، އެ އުސޫލުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ދަމަހައްޓައި، ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއްވެސް ހިމާޔަތްކޮށްދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އެނމްެ ކުރު ތައާރަފަކީ ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކަިއ ދައުލަތް ހިންގައިދިނުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ހަގީގަތަށް ބަލައި، ގައުމުގެ ކަންކަން ކަނޑައެޅުމުގައި ރައޔްިތުންގެ މުހިންމުކަން ދިވެހި ރައްޔިތުން ވަރަށް ގާތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތުން އަސާސީ ހައްގުތައް ނިގުޅައިގަތުމުން ގައުމަށް އެރި ލޮޅުމާއި، ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓުމާޢި މުއައްސަސާތައް ބަލިކަށިވުމުގެ ގެއްލުންވެސް ރައްޔިތުން އިހުސާސްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން ގައުމަށް ހަމަޖެހުން ގާއިމުވާ ގޮތްވެސް ރައްޔިތުންނަށް އަމަލީ ގޮތުން ތަޖުރިބާކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ ޝިއާރަކީ ގައުމުގެ ކަންކަން އިސްލާހުކުރުމުގައި ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސްބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ އެކަމަށް ބާރުއަޅާ ޝިއާރެކެވެ. ޑިމޮކްރަސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާ މެދު ހަމަހަމަކަމާއެކު މުއާމަލާތްކުރުމާއި އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެކެވެ. އެއީ ދެމެހެއްޓެނިވި ތަރައްގީޢާއި އިންސާނީ ހައްގުތަކާއި ސުލްހަ މަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާވެސް މެއެވެ،" ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީއަކީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ކޮންމެ ގައުމަކަށާއި މުޖުތަމައަކަށްވެސް އެކަށީގެންވާ ގޮތަށް ތަންފީޒުކުރެވޭނެ އެއްޗެއް ކަމާށެވެ.
"އެއީ އެބައެއްގެ ސަގާފަތާއި އެބައެއްގެ އަގީދާއާ ފުށުނާރާގޮތަށް އެ މުޖުތަމައަކަށް ފައްކާކުރެވޭނެ ހަމަތަކެކެވެ. މި އުސޫލުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެއެވެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ހިގުން ކަމަށް ވާ އިރު، ރައްޔިތުން އެދޭ ގޮތް ކަނޑައެޅިފައި ހުރީ ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަނޑައަޅާ އިމުގެ ތެރެއިން ަކަމށެވެ.
"އެހެންކަމުން ރައްޔިތުންގެ ވެރިކަމަކީ ގާނޫނުގެ ވެރިކަމެވެ. ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައޔްިތުންގެ ކޮންމެ ފަރުދަކުމެ އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވެއެވެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމުގެ ކަންކަން ބަދަލުވެފައިވާއިރު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުން ކަމަށެވެ.