10 Nov 2011, 13:39
މޯލްޑިވްސް ގޭމް ފިޝިންސް އެސޯސިއޭޝަނާއި ދިރާގާ ގުޅިގެން މޯލްޑިވްސް ގޭމްފިޝިން ޗެލެންޖް 2011ގެ އިން އެސޯސިއޭޝަން ވިތް ދިރާގުގެ ނަމުގައި މަސް ބޭނުމުގެ މުބާރާތެއް ފަށައިފި އެވެ.
މި މުބާރާތް އިފްތިތާހު ކުރުން އޮތީ ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި އެ މުބާރާތް ރަސްމީކޮށް ފަށާފައި ވަނީ މިއަދު ހެނދުނު ރަސްމީ ފާލަން ސަރަހައްދުންނެވެ.
ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދް ޖަލީލު ވިދާޅުވީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތުގައި 12 ވަރަކަށް ބޯޓް ބައިވެރިވެފައިވާ ކަމަށާއި މިމުބާރާތުގައި ދިވެހިންގެ އިތުރުން ބޭރު މީހުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި މިމުބާރާތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މުބާރާތުގެ ބައިވެރިން ބާނާ އެންމެ ބޮޑު މަސް ކިރުވުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ ބަންޑޮސް އައިލެންޑް ރިސޯޓުގައި ކަމަށެވެ. އަދި މިގޮތުން ބޭނޭ މަސްތަކުގެ ތެރެއިން ބައެއް މަސްތަކުގެ ސާމްޕަލްތައް އޮސްޓްރޭލިޔާ އަށް ފޮނުވައިގެން ރިސާޗެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ބާނާ މަސްތަކުގެ ތެރެއިން ބޭނުން ނޫން މަސްތަކުގައި ފާހަގައެއް ޖެހުމަށް ފަހު ދޫކޮށްލާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްތަކާ ބެހޭ ރިސާޗެއް އޮސްޓްރޭލިޔާ އަށް ފޮނުވައިގެން ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ. ކުރިއަށް އޮތް ތާނގައި ބާނާ މަސްތައް މާރާ ނުލައި މަހުގެ ބަރުދަނާ އެނޫން ވެސް އެހެނިހެން މައުލޫމާތު ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" އިމްޖާދް ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ ތަފާތު 15 ކެޓަގަރީއެއް ހިމަނައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ކޮންމެ ކެޓަގަރީއަކަށް ވެސް ހާއްސަ އިނާމުތަކެއް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު މަސް ބާނައިގެން އެއް ވަނަ އަށް ދާ ފަރާތަކަށް އަންނަ އަހަރު ހަވާއީގައި ބާއްވާ ބައިނަލް އަގުވާމީ މުބާރާތެއް ކަމަށްވާ ޗެންޕިއަންސް ލީގްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިމުބާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެކިއެކި ގައުމުތަކުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.