16 Jun 2010, 10:11
14:30
ހދ. ހަނިމާދޫ އެއާޕޯޓް ބައިނަލްއަޤުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތުގެ ރިޕޯޓާއި ރަސްމީ ލިޔެކިއުންތައް މި މަހުގެ 30 ގެ ނިޔަލަށް ހުށަހަޅަންޖެހޭނެ ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްމޫދު ރާޒީ ވިދާޅުވީ ރާއްޖޭގެ އުތުރުގައި އޮންނަ ހަމައެކަނި އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއެކު މިދިޔަ އަހަރުގެ ނޮވެންބަރުގައި އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތުގެ ރިޕޯޓް އެ ކުންފުނިން އެކުލަވާލައި ނިންމުމަށްފަހު އެކަމާ ބެހޭ ރަސްމީ ލިޔެކިއުންތައް މި މަހުގެ 30 ގެ ނިޔަލަށް ހުށަހަޅަންޖެހޭނެ ކަމަށާއި އެ މަޝްރޫއައިގެން ދެން ކުރިއަށްދާނީ އެ ލިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.
އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމަށް ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި، 2.8 ކިލޯމީޓަރުގެ ރަންވޭއެއް ހަދަން ނިންމާފައިވާ ކަމަށް ރާޒީ ވިދާޅުވި އެވެ. އަދި ދެވަނަ ފިޔަވައްސަށް ދިޔުމަށް ހަމަޖެހިފައިވަނީ އެކަށީގެންވާ ވަރަށް ފަސިންޖަރުން ދަތުރުކުރަން ފެށުމުން ކަމަށާއި 2040 ވަނަ އަހަރު އެ ހިސާބަށްދާނެ ކަމަށް އެކުންފުނިން ވަނީ އަންދަޒާކޮށްފައި ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.