ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު މީހެއްގެ އަންބެންގެ ކައިރީ އޮންނެވި ކަމުގެ ތުހުމަތުގައި ރޭ ބަޔަކު އޭނާ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އާމިރު މީހެއްގެ އަންބެއްގެ ކައިރިއަށް ވަތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"އެ ގެސއިން ރިޕޯޓްކުރުމުން ފުލުހުން ގޮސް އޭނާ ހައްޔަރުކުރި. އެ މައްސލާގައި ވަނީ އެގޭ ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގާފައި. އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުން،" ޝިޔާމް ވިދާޅުވި އެވެ.

އާމިރު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރޭ ފަތިހު 4:30 އެހާކަންހާއިރު އޭނާ މާފަންނުން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާގެ ސައިކަލް މަޑުކުރުމަށް ފަހު މ. ޓްރިންކްއެލަޖީ އަށް ވައްދައި އޭނާ އަށް ހަމަލަދީ ފަޓުލޫނު ވެސް ވީދައި ކުދިކޮށް، ފުލުހުންނާ ހަވާލުކުރީ ކަމަށެވެ.

"މިކަމުގެ އަޑީގައި ވަނީ ކޮން ކަމެއްކަމެއް އަޅުގަނޑަކަށް ނޭނގެ ބުނާކަށް. މީހެއްގެ އަންބެއް ކައިރިއަށް ވަތްކަމަށް އެބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް،" އާމިރު ވިދާޅުވި އެވެ.