ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ އާއި ބަހުސްއިން ހައްލު ހޯދަން ހިތްވަރު ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރަން ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.

އަދި ކަންކަމުގައި ރައްޔިތުން ބައިވެރި ކުރުމަށާއި، ހިޔާލު ތަފާތުވާ ކަންކަމަށް ބަހުސާއި މަޝްވަރާއިން ހައްލު ހޯދަން ހިތްވަރު ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ދުނިޔޭގައި ޑިމޮކްރެސީގެ ދުވަސް ފާހަގަކުރަމުންދާ އިރު މި އަހަރުގެ ޑިމޮކްރެސީ ދުވަހަށް އދ.އިން ކަނޑައަޅާފައިވާ ޝިޔާރަކީ "ޕާޓިސިޕޭޝަން" ނުވަތަ "ބައިވެރިވުން"މިއެވެ.