މައިކްރޯސޮފްޓްގެ ސޮފްޓްވެއާ ލައިސެންސާއި އާއި ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާ ގަތުމަށް 2016 ވަނަ އަހަރު ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ހިންގި މުއާމަލާތްތަކުގައި ކޮރަޕްޝަނަށް ތުހުމަތުވާ ބޮޑެތި ކަންކަން ހުރުމުން އެ މައްސަލަ އޭސީސީއިން ބެލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

އެންސީއައިޓީން މައިކްރޯސޮފްޓް ސޮފްޓްވެއާ ލައިސެންސާއި އެކްޓިވް ޑައިރެކްޓްރީ އާއި އެކަމާ ގުޅޭ ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާ ގަތުމަށް ހިންގި މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތާއި، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރާއި އަދި ފައިސާ ހަރަދުކޮށްފައިވާ ގޮތް ވަނީ ބަލައިފަ އެވެ.

އެގޮތުން އެ މުއާމަލާތްތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސޮފްޓްވެއާ ލައިސެންސް އަދި ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ގަތުމަށް ހިންގި މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންވޭތޯ ބެލުމަށް އޮޑިޓް އޮފީހުން ވަނީ އޭސީސީއަށް އަންގައިފަ އެވެ.

މުއާމަލާތްތައް ހިންގެވީ ސީދާ އަޝްމަލީ

ޑޭޓާ ސެންޓަރަށް ޔޫޕީއެސް ސިސްޓަމެއް ހޯދުމުގެ މަސައްކަތް އާންމު ބީލަމުގެ އުސޫލުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ ކުންފުންޏަކުން އަގު ހޯދައިގެން އޭގެ ތެރެއިން ކުންފުންޏަކާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ނޮވެމްބަރު 2017 ވަނަ އަހަރު ތިން މިލިއަން ރުފިޔާގެ އަގަކަށް އެ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަށް ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެންސީއައިޓީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމަޖެންސީ ޕްރޮކިއުމަންޓު އުސޫލުން ކަމަށާއި، އެކަން އެހެން ކުރިއަށް ގެންދިޔައީ ވީއެންމެ އަވަހަކަށް އެކަށީގެންވާ ރަނގަޅު ޔޫޕީއެސް ސިސްޓަމެއް ހޯދުމަށް ސެޓިފައިޑް އިލެކްޓްރިކް އިންޖިއަރެއްގެ ކޮންސަލްޓެންސީގެ ދަށުން ކަމަށެވެ.

ޔޫޕީއެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތުގައި އެންސީއައިޓީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިނުކޮށް އޭރު އެންސީއައިޓީގެ ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަމިއްލައަށް އެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އޭރު އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވީ މުހައްމަދު އަޝްމަލީއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ތަކެތި ގަތުމަށް ބޭއްވި ބައްދަލުވުންތަކުގައި ވެސް ކަމާބެހޭ އެއްވެސް މުވައްޒަފަކު ބައިވެރި ކޮށްފައި ނުވާކަމަށާއި، ބައިވެރިވީ އޭރުގެ ސްޓޭޓް މިނިސްޓަރު އެކަނި ކަމަށެވެ.

އަދި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އަގު ހޯދި ދެފަރާތާ ވެސް މުއާމަލާތް ކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރު އެކަނި ކަމަށާއި، އަދި މަސައްކަތް އެވޯޑު ކުރި ކުންފުނިން ފޮނުވާފައިވާ ޕްރޮޕޯސަލް ވެސް ފޮނުވާފައި ވަނީ އެބޭފުޅާގެ އީމެއިލް އަށް ކަމަށެވެ.

އަދި އެޑްވާންސް ފައިސާއާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ވަނީ އީމެއިލް މެދުވެރިކޮށް ސީދާ ސްޓޭޓް މިނިސްޓަރާ ކަމަށެވެ.

އެންސީއައިޓީގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ނޭނގި، ޔޫޕީއެސް ސިސްޓަމް ހޯދުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަކީ ހަރުދަނާ ކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވާ މުއާމަލާތެއް ކަމަށް ނުބެލެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި އެ ޑިޕާޓްމަންޓުގައި ގާއިމުކޮށްފައިވާ އިންޓާނަލް ކޮންޓްރޯލްސް ޕްރޮސީޖާތަކަށް ބެލުމެއްނެތި، ހަމައެކަނި އެ އޮފީސް ހިންގަން ހުރި ފަރާތުގެ ބެލުމުގެ ދަށުން ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން، އެއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް އިސްކަންދީގެން ތަކެތި ހޯދުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަން އޭސީސީއަށް ހުށަހަޅަން އޮޑިޓުން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ފައިސާގެ އިތުރުން ބާކީ ހުރި 50 ޕަސެންޓު ފައިސާ މުޅި މަސައްކަތް ނިމުމުގެ ކުރިން މަސައްކަތާ ހަވާލުވި ފަރާތައް ދީފައިވާކަން ވެސް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ.

އަދި އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ތައްޔާރު ކުރި ޕޭމަންޓް ވައުޗަރުގައި ވެސް އޭރުގެ ސްޓޭޓް މިނިސްޓަރު ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އޭނާއަކީ އެންސީއައިޓީން ފައިސާ ދެއްކުމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ނޫނެވެ.

އަށް ހަފްތާ ތެރޭގައި މި މަސައްކަތް ނިންމަން އެއްބަސްވީ ނަމަވެސް، މަސައްކަތް މުޅިން ނިންމާފައި ވަނީ އެއްބަސްވުމުގެ މުއްދަތު ފާއިތުވި ފަހުން 33 ހަފްތާ ފަހުން ކަމަށް އޮޑިޓްގައިވެ އެވެ. އަދި ބުނީ، ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިންމުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 451،127 ރުފިޔާ ވެސް ހޯދާފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް އޮޑިޓުން ވަނީ އަންގައިފަ އެވެ.

ބީލަން ހުޅުވާލީ އެވޯޑްކުރި ކުންފުންޏާ މަޝްވަރާކޮށްފައި

މި މަޝްރޫއުގެ ބިޑް ޑޮކިއުމެންޓުތައް ތައްޔާރުކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޓެންޑާ ބޯޑަށް ހުށަހެޅުމުގެ ކުރިން މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު އެންސީއައިޓީން މަޝްވަރާކޮށްފައިވާކަން އެނގެން އޮވެ އެވެ.

ބީލަންވެރިންގެ މެދުގައި ހަމަހަމަކަމާ އިތުބާރާއެކު ތަފާތުކުރުމެއް ނެތި ޕްރޮކިއުމަންޓްގެ ކަންތައްތައް ގެންދެވޭ ކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ބީލަމުގެ ކަންކަން ރާވާ ހިންގަން މާލިޔަތު ގާނޫނުގައި ބުނެފައިވާއިރު މިއީ ވާދަވެރި ބީލަމުގެ އުސޫލާ ހިލާފު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ބީލަން އިއުލާނުކުރުމުގެ ކުރިން ބީލަން ތައްޔާރު ކުރުމާ ގުޅޭގޮތުން ވަކި ކުންފުންޏަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުން އެކުންފުނީގެ މަސްލަހަތަށް އިސްކަން ދެވިގެން ބީލަން ތައްޔާރުކުރުމުގެ ފުރުސަތު ފަހިވުމާއި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ އެހެން ކުންފުނިތަކަށް ނުލިބޭ ފައިދާތަކެއް އެކުންފުންޏަށް ލިބުމަށް މަގުފަހި ވާނެ ކަމަށެވެ.

އެހެންކަމުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމަށް މި މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ވަނީ އަންގައިފަ އެވެ.

ހަމައެއާއެކު މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ދައްކާނެ ޝެޑިއުލެއް ތައްޔާރުކޮށްފައި ވީނަމަވެސް، މި މަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތްތައް ނިންމަންޖެހޭ މިންވަރާއި ތާރީހުތައް އެނގޭ ގޮތަށް މަސައްކަތް ނިންމުމަށް ޝެޑިއުލެއް ކަނޑައަޅާފައި ނުވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ބެހިގެން ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ޕްރޮޑަކްޓުތަކުގެ ސޮފްޓްވެއާ ލައިސެންސް ފޯރުކޮށްދިނުމާއި، ސިސްޓަމް އަދި ސާވާ ޑިޒައިންކޮށް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރު ކުރުމާއި ޓްރެއިނިން ދިނުމެވެ.

ފަސް އަހަރުގެ ތެރޭގައި ޓްރެއިނިން ދޭންޖެހެނީ ކިތައް މީހުންނަށް ކަމެއް އެނގެން ނެތް ނަމަވެސް ކޮންމެ އަހަރަކު ޓްރެއިނިން ކޮމްޕޯނަންޓަށް ފައިސާ ދޫކުރަންޖެހޭ މިންވަރު ވަނީ ބަޔާންކޮށްފައެވެ.

އަދި އެއްބަސްވުމުގެ ދަށުން ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ނިންމަންޖެހޭ މުއްދަތުތަކާއި ކޮންޓްރެކްޓުގެ ޖުމްލަ އަގުން އެ މަސައްކަތްތަކަށް ފައިސާ ދޫކުރަންޖެހޭ މިންވަރެއް ޕޭމަންޓު ޝެޑިއުލްގައި ބަޔާންކޮށްފައި ނުވެއެވެ.

އެހެންކަމުން މުޅި ކޮންޓްރެކްގެ އަގު މަސައްކަތާ ހަވާލުވި ފަރާތަށް ދީ ނިމޭއިރުވެސް ކޮންޓްރެކްޓަރާ ހަވާލުކުރި ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ރިސްކް އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 83.99 މިލިއަން ރުފިޔާ އެވެ. އަދި މަސައްކަތް ކުރާ ފަރާތައް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ ފަސް އަހަރު ދުވަހަށް ބަހާލައިގެންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް 50،062،421 މިލިއަން ރުފިޔާ މަސައްކަތާ ހަވާލުވި ފަރާތަށް ވަނީ ދައްކާފައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މަސައްކަތާ ހަވާލުވި ކުންފުނިން 2018 ވަނަ އަހަރުގެ ނިޔަލަށް 15 ބާވަތެއްގެ 8،305 ލައިސަންސް އެންސީއައިޓީއަށް ފޯރުކޮށްދީފައިވާއިރު، އެންސީއައިޓީން އެހާތަނަށް ބޭނުންކޮށްފައި ވަނީ އޭގެ ތެރެއިން 4،157 ލައިންސަންސް އެވެ. އަދި ބާކީ 4،148 ލައިސަންސް (49 ޕަސެންޓު) ބޭނުން ކޮށްފައެއްވެސް ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ލައިސަންސްތައް ބޭނުންނުކޮށް، ގިނަ ދުވަސްވާނަމަ އެ ލައިސަންސްތަކާ ގުޅޭ ސޮފްޓްވެއާ އައުޓްޑޭޓްވެ، ލައިސަންސް ގަތުމަށް ހަރަދު ކުރި ފައިސާ އިސްރާފުވުމުގެ ފުރުސަތު އޮންނާނެތީ، ބާކީ ހުރި ލައިސެންސްތައް ލަސްނުކޮށް ދައުލަތުގެ އޮފީސްތަކާއި އިދާރާތަކަށް ދޫކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

މަސައްކަތް ދިނީ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓަށް

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޓެންޑާ ބޯޑު މެދުވެރިކޮށެވެ. އެހެން ނަމަވެސް އެ ބޯޑުން 20 މާޗު 2018 ގައި ކުރި އިއުލާނާ ގުޅިގެން އަގު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންނެވެ.

މާލިޔަތު ގަވާއިދު ބުނާގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނު ނުކޮށް، ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އަގު ހުށަހެޅި ކުންފުންޏަށް 4.4 މިލިއަން ރުފިޔާއަށް އެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.

އަދި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މި ޕްރޮޖެކްޓުގައި ކޮންސަލްޓެންޓުގެ ގޮތުގައި މަސައްކަތް ކުރި ފަރާތަށް ކަމަށްވާތީ، އެއީ މަސްލަހަތު ފުށުއަރާ ފަދަ ކަމެއްގެ އިތުރުން، ވާދަވެރި ބީލަމުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވުމާއި މަސައްކަތް ލަސްވުމުގެ އަގުގެ ގޮތުގައި މަސައްކަތާ ހަވާލުވި ފަރާތުން ޖޫރިމަނާ ފައިސާ ހޯދާފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

މަސައްކަތުގެ ދަށުން ހާޑްވެއާ އިންސްޓޯލްކޮށް އެއާގުޅޭ ތަމްރީނު ދީފައިވަނީ މަސައްކަތުގެ މުއްދަތު ހަމަވިތާ 85 ދުވަސް ފަހުންކަން އެނގެން އޮވެ އެވެ.

މާލިއްޔަތު ގަވާއިދު ބުނާގޮތުން، އެއްބަސްވެފައިވާ މުއްދަތަށް ވުރެ މަސައްކަތް ލަސްވާނަމަ، މަސައްކަތް ހަވާލުކުރި ފަރާތައް ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. ނަމަވެސް މަސައްކަތާ ހަވާލުވި ފަރާތަށް ފައިސާ ދީފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންސީއައިޓީއަށް ލިބެންޖެހޭ 658،101 ރުފިޔާ އުނި ކުރުމެއް ނެތިއެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް އޮޑިޓް އޮފީހުން، އެންސީއައިޓީއަށް ވަނީ އަންގައިފައެވެ.

މަސައްކަތެއްގެ ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނަމަ، ކޮންސަލްޓަންޓް ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެއެވެ. އެހެން ނަމަވެސް މި މަސައްކަތުގެ އަގުގެ 70 ޕަސެންޓަށްވާ 2.9 މިލިއަން ރުފިޔާ މަސައްކަތް ހަވާލުކުރި ފަރާތައް ދައްކާފައި ވަނީ އެ ރިޕޯޓު ތައްޔާރު ނުކޮށެވެ.

މި ހުރިހާ ކަމެއް ތަހުގީގު ކުރުމަށް އޭސީސީއަށް އޮޑިޓް އޮފީހުން ވަނީ ފޮނުވައިފަ އެވެ.