އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ހުއްޓިފައި އޮތް އިންޑިޔާ ޕާކިސްތާން ސުލްހައިގެ ވާހަކަތައް އަލުން ފަށައިފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިން ރަސްމީ ގޮތުން ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ވާހަކަތައް އަލުން ފެށީ މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ސާކް ސަމިޓްގެ ހަވާސާގައި ޝަންގްރިއްލާ ވިލިނގިލި ރިޒޯޓްގައި ކަމަށް އޭއެފްޕީ ބުންޏެވެ.

ބައްދަލުވުން ފެށުމުގެ ކުރިން އިންޑިޔާގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ މީޑިޔާގެ ކުރިމަތީގައި ސަލާމް ކުރައްވާފަ އެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރުން ބައްދަލުކުރެއްވުމުގެ ކުރިން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވިދާޅުވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް އިތުބާރުނެތުން މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ގުޅުން ރަނގަޅުކުރުމަށް ދެ ގައުމުން ވެސް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އުނދަގޫކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ހަމަލާއަށް ފަހު އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ މީގެ ކުރިން ބައްދަލުވެފައި ކްރިކެޓްމެޗެއްގެ ތެރެއިންނެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ، އެންމެ ފަހުގެ ސާކް ސަމިޓަށް އެކަމުގެ ހިޔަނި އެޅިފައި ވަނީ އިންޑިޔާގެ މުމްބާއީއަށް 2008 ވަނަ އަހަރު ހަމަލާ ދިނީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ ކަމަށް އިންޑިޔާ އިން ތުހުމަތުކޮށް، އެ ޖަމާއަތުގެ އިސް މީހުން އިންޑިޔާއާ ހަވާލުކުރުމަށް އިންޑިޔާ އިން ގޮވައިލި ގޮވާލުމަށް ޕާކިސްތާނުން އިޖާބަ ނުދިނުމުންނެވެ.