15 Sep 2019, 13:21
ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ ކަމުގައިވާ ނޭމާ ބާސެލޯނާއަށް އެނބުރި އައުމުގެ ޓްރާންސްފާ ކަންތައް ހަމަނުޖެހުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، ނަމަވެސް މިހާރު އަނެއްކާ ވެސް އަމާޒަކީ ޕީއެސްޖީއާ އެކު ކާމިޔާބު ހޯދުން ކަމަށް ނޭމާ ޖޫނިއާ ބުނެފި އެވެ.
ރޭ ފްރެންޗު ލީގުގައި ސްޓްރަސްބޯގް ގާތުން ޕީއެސްޖީ މޮޅުވި މެޗުގައި ހަމައެކަނި ގޯލު ޖަހައިދިން ނޭމާ އެ މެޗުގެ ސްކޮޑުގައި ހިމެނުނީ ގިނަ ފާޑު ކިޔުންތަކަށް ފަހު އެވެ. ޕީއެސްޖީގެ ސަޕޯޓަރުންގެ ނުރުހުން އިންތިހާއަށް އަމާޒުވެފައިވާ ނޭމާއަށް ރޭގެ މެޗުގައި ވެސް ވަނީ ގިނަ ފާޑު ކިޔުންތަކެއް މެޗުގެ ތެރޭގައި ވެސް އަމާޒުކޮށްފަ އެވެ. އެގޮތުން އެކުލަބުން ނޭމާ ބޭނުން ނުވާ ކަމަށް ބުނެ ޕޯސްޓަރުތައް ދެއްކުމާއި ނޭމާއަށް ބޯޅަ ލިބިއްޖެ ނަމަ "ހޯއް" ލައްވާ އެކި ގޮތް ގޮތުން އޭނާއަށް ހަޖޫ ޖަހައިފައިވެ އެވެ.
ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކަށް ނޭމާ ދިނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ އެކަމަކީ އޭނާއަށް އައު ކަމެއް ނޫން ކަމަށެވެ. އަދި ޕީއެސްޖީ ދޫކޮށް އޭނާ ދާން ބޭނުންވީ އަމިއްލަ ސަބަބަކާ ހުރެ ކަމަށާއި އެކަން ނުވުމުން އޭނާއަކީ މިވަގުތު ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ކުލަބުގެ އެހެން ކުޅުންތެރިންނަށް ވެސް ދޭ އިހްތިރާމް އޭނާއަށް ވެސް ހައްގު ކަމަށް ނޭމާ ބުންޏެވެ.
"އަހަރެން މީގެ ކުރިން ވެސް އެފަދަ ސްޓޭޑިއަމްތަކުގައި ކުޅުނިން. އެކަމަކު ހިތާމައަކީ މިފަހަރުގެ ލީގު އެއްކޮށް ކުޅެން ޖެހޭނީ އަވޭ މެޗުތަކުގައި ކުޅޭ ފަދައިން. އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ވެސް އަހަރެންނަށް އިހުތިރާމެއް ނުދޭނެ، ނޭމާ ބުންޏެވެ.
ނޭމާ ބުނީ އޭނާއާއި ޕީއެސްޖީއާ ދެމެދު އެއްވެސް ކަހަލަ ޒާތީ ކަމެއް އަދި ސަޕޯޓަރުންނާ ދޭތެރޭ ވެސް އެފަދަ ކަމެއް ނެތް ކަމަށެވެ.
"އެންމެންނަށް ވެސް އެނގޭނެ އަހަރެން ބާސެލޯނާއަށް ދާން ބޭނުންވާ ކަން. އެކަން އަހަރެން ވެސް ސާފު ކޮށްދީފިން އެތައް ގޮތަކުން. އެހެންނޭ ކިޔާފަ އަހަރެންނާ ޖައްސާލައިގެން ސަޕޯޓަރުން ތިބުމަކީ ވަރަށް ދެރަ ކަމެއް. އަހަރެން ދާން ބޭނުންވީ އަމިއްލަ ސަބަބަކާ ހުރެ،"
ނޭމާ ބުނީ އޭނާ ބާސެލޯނާއަށް ދާން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ފަހު ވަގުތު ޕީއެސްޖީން އެކަމަށް ހުރަސް އެޅީ ކަމަށެވެ. އަދި ޕީއެސްޖީން އެ ފިޔަވަޅު އެޅި ސަބަބު ބަޔާން ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
ނޭމާ ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަދަދަކަށް ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ކުލަބާއި ގިނަ މައްސަލަތަކެއް ވެސް ޖެހިފަ އެވެ. ނޭމާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ބާސެލޯނާއިން ވަނީ ދާދި ފަހަކުން ވެސް ބުނެފަ އެވެ.