ޕްރެމިއާ ލީގަށް ކުޅެ ސްޕެއިންގެ ފުޓްބޯޅަ ތަރިން ކުރިއެރުން ހޯދަމުން އަންނަ ކަމަށް ލިވަޕޫލްގެ ސްޕެއިން ގޯލް ކީޕަރު ޕެޕޭ ރޭނާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ފޯވާޑް ޑޭވިޑް ސިލްވާ އަކީ އޭގެ މިސާލެއް ކަމަށާއި އަދި ހަމަ އެފަދައިން ޗެލްސީގެ ހުއަން މަޓާ ވެސް އެފަދަ ކުރިއެރުމެއް ހޯދާނެ ކަމަށް ރޭނާ ގަބޫލު ކުރެއެވެ.

ސްޕެއިންގެ ވިލަރެއާލް އަށް ކުޅުމަށް ފަހު، 2005 ވަނަ އަހަރު ލިވަޕޫލް އަށް ބަދަލުވެ ރޭނާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ. ލިވަޕޫލަށް ކުޅެ، ސްޕެއިންގެ ފެނާންޑޯ ޓޮރޭސް އާއި ޒަބީ އަލޮންސޯ ވެސް ވަނީ ވިދާލާފަ އެވެ. މިހާރު ޕްރެމިއާ ލީގުގައި ވިދަމުންދާ ސްޕެއިންގެ ދެތަރިންގެ ތެރޭގައި ސިލްވާ އާއި މަޓާ ހިމެނެއެވެ.

"އިނގިރޭސި ވިލާތުގައި ކުޅުމުގެ ސަބަބުން ހަމަ ޔަގީނުން ވެސް ސިލްވާ އަށް ފައިދާތަކެއް ލިބިގެން ހިނގައްޖެ. ސިލްވާ އަކީ މިހާރު ސްޕެއިން ގައުމީ ޓީމުންވެސް އާންމުކޮށް ފެނިގެންދާ ކުޅުންތެރިއެއް. ޕްރެމިއާ ލީގުގައި މިހާރު ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ. މަޓާ ވެސް އެފަދަ ކުރިއެރުމެއް ހޯދާނެ. ތަފާތު ލީގެއް ގައި ކުޅުމުން އެކުޅުންތެރިއަކު މޮޅު ކުޅުންތެރިއަކަށް ވެގެންދާ ކަމަށް އަހަރެން ގަބޫލުކުރަން." ރޭނާ ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ގައުމީ ޓީމާއި ދެކޮޅަށް ނުކުންނަ ސްޕެއިން ގައުމީ ޓީމު ސްކޮޑުގައި ޕްރެމިއާ ލީގަށް ކުޅޭ ސްޕެއިންގެ ގިނަ ކުޅުންތެރިން ތަކެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ރޭނާ، ސިލްވާ މަޓާގެ އިތުރުން ޓޮރޭސް ވެސް ހިމެނެއެވެ.