ތުރުކީގެ ގަލަތަސަރާއީ އިން މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުން މަޖުބޫރު ހާލަތެއްގައި ނޫނީ ބާބަޓޯވް ފެނިފައެއް ނުވެއެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ބާބަޓޯވް، މިދިޔަ ސީޒަން ނިންމާލީ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރެއެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ބައިވެރި ކުރުވާފައެއް ނުވެއެވެ.

މިސީޒަނުގައި މެން ޔުނައިޓެޑްގެ ފޯވާޑް ލައިނުން އާންމު ގޮތެއްގައި ފެންނަމުންދަނީ އިނގިރޭސި ފޯވާޑް ވޭން ރޫނީ އާއި މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ. އެޓީމުގައި ހިމެނޭ އިނގިރޭސި ޒުވާން ފޯވާޑް ޑެނީ ވެލްބެކް އަށް ވެސް ބާބަޓޯވް އަށް ވުރެ ގިނައިން ކުޅުމުގެ ފުރުސަތު ލިބިފައި ވެއެވެ.

"އަހަރެމެން ހޯދަން މިއުޅެނީ ހަމައެކަނި ބާބަޓޯވް އެއް ނޫން. މިވަގުތު އަހަރެމެންނަށް ހަމައެކަނި ވާހަކަދެއްކޭނީ. ޔަގީންކަމެއް ދެވޭނީ ޑިސެމްބަރު މަހު." ގަލަތަސަރާއީ ގެ ރައީސް އޭސަލް ބުންޏެވެ.

މިދިޔަ ސީޒަނުގައި ގިނަ ގޯލުތަކެއް ކާމިޔާބުކުރި ބާބަޓޯވް އަށް މިސީޒަނުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ. އެއީ ކާލިންގް ކަޕުގައި އަލްޑާސޮޓް އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅުނު މެޗުގަ އެވެ.