14 Sep 2019, 12:08
ދިވެހިންތަކަކާއި ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކުން ގުޅިގެން، ރާއްޖެއަކީ މަސްތުވާތަކެތި ވިއްކުމުގެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019 ހުޅުވައްދެއްވައި ރައީސް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވައި މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުން ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ދުނިޔޭގެ ބޮޑެތި ނެޓްވޯކްތަކާއި ގުޅިފައިވާ ކަމަށާއި އެހެން ކަމުން މިއީ ފަސޭހަ ކަމަކަށް ނުވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ ވަރަށް ބޮޑު އުނދަގޫ ކަމެއްގެ ވާހަކަ. މި ދައްކަމުން ގެންދާ ވާހަކައަކީ، ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ. ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވޯކުތަކާ ގުޅިފައި. މިއީ ފެންނަން އޮތް ހަގީގަތެއް،" ރައީސް ވިދާޅުވިއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019 ހުޅުވައްދެއްވައި ރައީސް މިއަދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން-ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖެއަށް އެތަކެތި އެތެރެކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ އިތުރުން، އެފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން އަންނަނީ "ޓްރާންސްޝިޕްމަންޓް ޕޯޓެއް"ގެ ގޮތުގައި ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އެބަ ގެންދޭ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ކަސްޓަމްސް، ފުލުހުން، ކޯސްޓްގާޑު އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ ބޮޑު ދައުރެއް ވާއިރު، އެފަރާތްތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކު، ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މި ސަރުކާރުން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި، އެތަންތަން ބަންދު ކޮށްފައިވާކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ނުޙައްގު ނަފާ ހޯދަން ދިވެހި ދަރީންގެ މުސްތަގުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމުގެ މަސައްކަތް ސަރުކާރުން ފަހަތަށް ނުޖެހި ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.