ފުވައްމުލަކުގައި ހަރުކޮށްފައި ހުރި ސާކް ޕްރޮމޯޝަނަލް ބެނާތައް، ބަޔަކު ނަގައި ބެނާތަކަށް ގެއްލުން ދީފި އެވެ.

ފުވައްމުލަކު ރަށު ކައުންސިލްތަކުގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަން މިއަދު ވިދާޅުވީ އެ އަތޮޅުގައި އަލަށް ހެދި ކްރިކެޓް ސްޓޭޑިއަމުން ފެށިގެން ދަޑިމަގު އަވަށާ ހަމައަށް، ނައިބު ތުއްތު މަގުގައި ދަމާފައިވާ ބެނާތަކުގެ ތެރެއިން ބައެއް ބެނާ ރެ އާއި އިއްޔެ ރޭގައި ވެސް ބަޔަކު ނަގާފައިވާ ކަމަށެވެ. އެކަން ކޮށްފައި ވަނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށާއި ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މުނީރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ސާކް ސަމިޓްގެ ޕްރޮމޯޝަނަލް ބެނާތަކަށް ފުވައްމުލަކުގައި ބަޔަކު ގެއްލުންދީ ނައްޓާލާފައިވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރުކޮށްފައިހުރި ސާކް ސަމިޓް ބެނާތަކުގައި އީސާގެފާނުގެ ސޫރަ ހިމެނޭ ކަމަށް ބުނެ އެ ބެނާތައް ނަގަން 80 ވަރަކަށް މީހުން ރޭ ދެ ފެރީއެއްގައި އެއާޕޯޓަށް އަރަން ދަނިކޮށް، ފުލުހުން އެމީހުން ހުއްޓުވި ހައްޔަރުކޮށްފައި ވަނިކޮށެވެ.

މީގެ އިތުރުން ބުދުތަކެއްގެ ސޫރައާއެކު އައްޑޫ ސިޓީގެ ހިތަދޫ "ޕަވާ ޕާކް ރެސްޓޯރެންޓް” ކައިރީ ބެހެއްޓި ޕާކިސްތާނުގެ މޮނިއުމެންޓާ ދެކޮޅަށް އެރަށުގެ ބަޔަކު ނުރުހުން ފާޅުކޮށް އެ މޮނިއުމަންޓް ވެސް ރޭ ވަނީ ވައްޓާލައިފަ އެވެ.