14 Sep 2019, 11:07
މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާދޭ ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކޮށް ހިންގުމަށް މި އަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް ހުއްދަ ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019 ހުޅުވައްދެއްވައި ރައީސް މިއަދު ދެއްކެވި ވަހަކަފުޅުގައި ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުން، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު، އަދި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތު ދީ، ތަމްރީނު ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް،" ރައީސް ވިދާޅުވިއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019 ހުޅުވައްދެއްވައި ރައީސް މިއަދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން، އެކަމުން ސަލާމަތްކުރުމަށްޓަކައި ހިންގާ ފަރުވާގެ ޕްރޮގްރާމުގައި އަމިއްލައަށް އެދިގެން ބައިވެރިވެ، ފަރުވާ ހޯދަން ބޭނުންވާ މީހުން ވަރަށް ގިނަ ކަމަށެވެ.
އެގޮތުން މިހާރުވެސް އަމިއްލައަށް ފަރުވާ ހޯދަން ބޭނުންވެގެން އެދިފައިވާ މީހުންގެ އަދަދު 800 އަށްވުރެ ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ ޝިކާރައަށްވާ މީހުންނަށް ވީހާވެސް އަވަހަކަށް ފަރުވާ ދިނުމަކީ މުހިންމު ކަމަކަށް ވާއިރު، ފަރުވާދޭ މަރުކަޒުތައް ހިންގުމަކީ ހަމައެކަނި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަމިއްލަ ފަރާތްތަކަށްވެސް އެފުރުސަތު ހުޅުވައިލުމަކީ، އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާނެ ކަމެއް. މި މަސައްކަތުގައި އަމިއްލަ ފަރާތްތައް ބައިވެރިކުރުމަށްޓަކައި، މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާދޭ ރީހެބިލިޓޭޝަން ސެންޓަރުތައް އުފައްދައި، އަމިއްލަ ފަރާތްތަކުން ހިންގުމަށް މި އަހަރުގެ ތެރޭގައި ހުޅުވައިލާނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު، ގުޅިފަޅުގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިހާތަނަށް ގާއިމުކޮށްފައި ނުވި ނަމަވެސް، އެއީ މަސްތުވާތަކެއްޗާބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ޒަމާނާ ގުޅޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން ގާނޫނު މުރާޖައާކޮށް، ޒަމާނަށް ފެތޭގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް، ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، މުޅި މުޖުތަމައުގެ ބައިވެރިވުން މުހިންމުކަން ބަޔާންކުރަމުން ރައީސް ވިދާޅުވީ ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ އަވަހަށް ހާސިލުކުރެވޭނީ އޭރުން ކަމަށެވެ.