14 Sep 2019, 12:58
ދިވެހި އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސް (އެމްޑަބްލިއުސީސީ)އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.
އެ ޖަމިއްޔާއަށް ލިބުނީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ މަސައްކަތުގެ އަގު ވަޒަންކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ އެތީނާ އިންޓަނޭޝަނަލުން ދޭ އެކްސެލެންސް އެވޯޑެވެ.
މި އެވޯޑު އެމްޑަބްލިއުސީސީއަށް ލިބުނީ ސައުތު އޭޝިއަން ވިމެން ޑިވެލޮޕްމަންޓް ފޯރަމުން އިންތިޒާމުކޮށްގެން މިހާރު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ އިންޓަނޭޝަނަލް ވިމެންސް އޮންޓްރަޕްރަނާޝިޕް ސަމިޓް 2019 ގައެވެ. އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ފައުންޑާ ޕްރެޒިޑެންޓް، އަދި ވިޔަފާރިވެރިޔާ ޝީޒާ އިމާދެވެ.

މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސްގެ ފައުންޑާ ޕްރެޒިޑެންޓް ޝީޒާ އިމާދު، އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ --
މީގެ އިތުރުން ވިޔަފާރިވެރިންގެ ދާއިރާއިން އެކްސެލެންސް އެވޯޑު، ސިމްޑީ ގްރޫޕުގެ ސީއީއޯ އަދި ކުރީގެ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއަށްވެސް ރޭ ލިބިވަޑައިގެންނެވިއެވެ. އަންހެނުން ބާރުވެރިކުރުމުގައި ރާއްޖެއާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ޑރ. ޝަކީލާ ކުރައްވައެވެ. އަދި އައްޑޫ ވިމެންސް އެސޯސިއޭޝަންއާއި ވިމެންސް އާޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަން މޯލްޑިވްސްގެ ބޯޑު މެމްބަރުކަންވެސް ޑރ. ޝަކީލާ ކުރައްވައެވެ.
މި ދެ އެވޯޑުވެސް ދެއްވީ ނޭޕާލްގެ ނައިބު ރައީށް ނަންދާ ބަހާދުރް ޕުންއެވެ. އަރިހުގައި، އެތީނާ އިންޓަނޭޝަނަލްގެ ފައުންޑާ މާރތާ މާޓްޒްވެސް ހުންނެވިއެވެ.

ޑރ މަރިޔަމް ޝަކީލާ، އެވޯޑަ ހަވާލުވެވަޑައިގަންނަވަނީ ---
ދެހާސް ފަނަރަވަނަ އަހަރު އުފެއްދި މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސްއަކީ ޝީޒާ އިމާދާއި އިތުރު އަންހެން ވިޔަފާރިވެރިންތަކެއްގެ އިސްނެގުމުގެ މަތިން ގާއިމުކުރި ޖަމިއްޔާއެކެވެ. އަދި އެ ޖަމިއްޔާއިން މިހާރު ވަނީ ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކަކާވެސް ގުޅި، ދިވެހި އަންހެން ވިޔަފާރިވެރިންނަށް ތަފާތު ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
"އަންހެން ވިޔަފާރިވެރިންނަށް ބޭންކުތަކުން ލޯނު ހޯދައިދިނުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންނަށް ތަފާތު ޓްރެއިނިންގް ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރަން،" އެ ޖަމިއްޔާގެ ފައުންޑާ ޕްރެޒިޑެންޓް ޝީޒާ އިމާދު ވިދާޅުވިއެވެ.
އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ އަންހެން ވިޔަފާރިވެރިން ހިމެނެއެވެ.