މިދިޔަ ހަފުތާގައި ވިލަރެއާލް އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ސާމިރް ނަސްރީއަށް ލިބުނު އަނިޔާ އާއި ގުޅިގެން އެމެރިކާ އާއި ބެލްޖިއަމް އާއި ދެކޮޅަށް ފްރާންސް ކުޅޭ އެކުވެރިކަމުގެ މެޗުގައި ބައިވެރި ނުވެވޭނެކަން ޔަގީންވުމުން ސްކޮޑުން ބާކީ ކޮށްފި އެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކިޔްޕީއާރް އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ވެސް ނަސްރީ އަށް އިންނަން ޖެހިފައިވަނީ ބެންޗުގަ އެވެ. ފްރާންސް ގައުމީ ޓީމުގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި ފްރާންސް ޓީމު ކުޅޭ ދެމެޗުގައި ވެސް ނަސްރީ އަށް ނުކުޅެވޭނެ ކަމެވެ. ނަސްރީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަން ޔަގީންވުމުން ފްރާންސް ގައުމީ ޓީމަށް ވަނީ އޭނާގެ ބަދަލުގައި ލިޔޯންގެ މިޑްފީލްޑަރު މެކްސިމް ގޮނަލޮންސް ނަގާފައެވެ.

"ނަސްރީގެ ކަކުލަށް ވަނީ އަނިޔާވެފަ. ކްލިނިކް ޓެސްޓުން ދެއްކި ގޮތުން އެމެރިކާ އާއި ބެލްޖިއަމް އާއި ދެކޮޅަށް ފްރާންސް ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ނަސްރީ އަކަށް ބައިވެރި އެއް ނުވެވޭނެ. ނަސްރީގެ ބަދަލުގައި މެކްސިމް ގޮނަލޮންސް މިހާރު ވަނީ ސްކޮޑަށް ނަގާފަ." ފްރާންސް ފުޓުބޯޅަ ފެޑަރޭޝަނުން ނަގާފައެވެ.

ޔޫރޯ 2012 އަށް ފްރާންސް ކޮލިފައިވީ، ކޮލިފައިން ބުރުގެ އެންމެ ފަހު މެޗުގައި ބޮސްނިއާ އަތުން ބަލިވަމުން ދަނިކޮށް ނަސްރީގެ ޕެނަލްޓީ އާއެކު ނަތީޖާ ހަމަހަމަ ވުމުން ނެވެ.