13 Sep 2019, 23:50
ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލަ ތަހުގީގު ކުރުމަކީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެންޑޭޓަށް ފެތޭ ކަމެއް ނޫންކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ ޝިމާއަށް ވީނުވީއެއް ހޯދަން އެ ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ބުނީ ޝިމާގެ އާއިލާއިން އޭނާއަށް ވީގޮތް އެނގެން ބޭނުންވާ ކަމަށެވެ.
އެ ޓުވީޓަށް ޖަވާބުދެއްވަމުން ސުއޫދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަކީ މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ސުއޫދުގެ ޖަވާބާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކޮމިޝަނަށް އެ މައްސަލަ ނުބެލެންވީ ކީއްވެގެންތޯ ސުވާލު އުފައްދަމުންނެވެ.
ޝިމާ ގެއްލުނު މައްސަލަ ކޮމިޝަނަށް ނުބެލެނީ، މަރު ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށީގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ދޭތެރޭގެ މައްސަލަތައް ކަމުގައި ވާތީއެވެ.
ވީނުވީއެއް ނޭނގި ޝިމާ ގެއްލުނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން އޭނާއާ އެކު ދަތުރު ކުރި އިބްރާހިމް ފަޒީލް ބުނެފައި ވަނީ، ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ކަނޑުމައްޗަށް ދޫކޮށްލާފައި ދިޔައީ ފެންމަތީގައި އޮންނާނެ ހަމެއް ދީފައި ކަމަށެވެ. އަދި ޝިމާ ދޫކޮށް ގޮސްފައި ވަނީ އެހީތެރިކަން ހޯދުމަށް ކަމަށެވެ.
ޝިމާ ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުވެފައި ވަނީ ފަޒީލަށެވެ. ފަޒީލް ޝިމާ ގޮވައިގެން އެހެން ރަށަކަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ލ. މާމެންދޫ ކައިރީގައި އޮންނަ، ފަޅުކޮށްފައިވާ ރަށެއް ކަމަށްވާ ގާދޫވެސް ބަލާފައިވެ އެވެ.
ފުލުހުން ބުނީ ޝިމާ އެހެން ތަނަކަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޝިމާއާއި އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާ ކަމަށެވެ.
އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.