މައްކާގައި ކޮންމެ އަހަރަކު ބާއްވާ ކިންކް އަބްދުލްއަޒީޒު ގުރުއާން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ބައިވެރިވެ ވަޑައިގެންފި އެވެ.

މިއީ މި މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިމަހުގެ ހަތަކުން 11 އަށް މައްކާގައި ބޭއްވި މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި ޝައިހް އިލްޔާސް އާއެކު ނަންގަވާފައިވާ ފޮޓޯއެއް އާންމުކުރައްވާ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މުބާރާތުގެ ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބުމަކީ ޝަރަފެއް ކަމަށެވެ.

އެ މުބާރާތުގައި މިއަހަރު ރާއްޖެ ތަމްސީލުކުރީ 13 އަހަރުގެ ހާފިޒް މުސްތަފާ މުހައްމަދު އަދި ތ. ގުރައިދޫ އިރުދޭމާގޭ ހަސަން އާހިލް އެވެ.

ކިންގް އަބްދުލްއަޒީޒު ގުރުއާން މުބާރާތަކީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ވަރަށް ބޮޑު މުބާރާތެކެވެ. އެ މުބާރާތުގައި 1998 ވަނަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ ޑރ. ޝަހީމް އެވެ.