ޗެލްސީ ގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް ރަނގަޅު ފޯމެއްގައި ހުރިނަމަ، އޭނާ އަކީ ޕްރެމިއާ ލީގުގެ އެންމެ މޮޅު ފޯވާޑް ކަމަށް އެސްޓަން ވިލާގެ އިނގިރޭސި ފޯވާޑް ޑެރަން ބެންޓް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ޓޮރޭސް ޗެލްސީ އަށް މިދިޔަ ސީޒަނުގައި ބަދަލުވުމާއެކު އޭނާގެ ވެގެން ގޮސްފައިވަނީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރުގައި އެންމެ ނުރައްކާތެރި އެއް ފޯވާޑުގެ ގޮތުގައި ޓޮރޭސް ފާހަގަވެފައި ވެއެވެ.

ސްޕެއިން އެތްލެޓިކޯ މެޑްރިޑުން ފުރަތަމަ ވިދާލާފައިވާ ޓޮރޭސް، މި ސީޒަނުގައި ޗެލްސީ އަށް ކާމިޔާބު ކޮށްދެވިފައި ވަނީ ހަތަރު ގޯލެވެ. ޓޮރޭސް އަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރު ވެގެން ދިޔަ ތަން ފެނިފައި ވެއެވެ.

ޓޮރޭސް އަށް ތަޢުރީފް ކޮށްފައިވާ ބެންޓް ވެގެން ގޮސްފައިވަނީ ކްލަބު ބަދަލު ކުރުމަށް ފަހު ގިނަ ކާމިޔާބު ތަކެއް ހާސިލު ކޮށްފައިވާ ކުޅުންތެރި އަކަށެވެ. މިދިޔަ ސީޒަނުގައި ސަންޑަލޭންޑުން އެސްޓަން ވިލާއަށް ބަދަލުވެ ބެންޓް ވަނީ ކުޅުނު 31 މެޗުން 17 ގޯލު ކާމިޔާބު ކޮށްފައެވެ.

"ފިޓްކޮށް ހުރިނަމަ، ޕްރެމިއާ ލީގުގެ އެންމެ މޮޅު ފޯވަޑަކީ ޓޮރޭސް. އެތްލެޓިކޯ މެޑްރިޑުން ފެށިގެން ޗެލްސީ އަށް ބަދަލުވަން ދެން އޭނާގެ ކުޅުން އަހަރެން ބަލަން. ބްލެކްބާން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ފުރުސަތެއް ބޭކާރު ކޮށްލިޔަސް، ޓޮރޭސް އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ހަލުވި، ވަރުގަދަ އަދި ކޮންމެ ފަޔަކުން ވެސް ހަމަލާތައް އުފެއްދޭ ކުޅުންތެރިއެއް." ބެންޓް ބުންޏެވެ.