13 Sep 2019, 15:09
ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާ ނިމިފައިވާ ކަމަށާއި އެ ޕްލޭން އާންމުކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީއިން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ނުވަގަޑި ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ނޭޝަނަލް ޕްލޭނިން ޑިޕާޓްމެންޓުން ބުނީ ގައުމީ ތަރައްގީގެ ޕްލޭންގެ ދެވަނަ ޑްރާފްޓް އެކުލަވާލާ ކެބިނެޓް އެންޑޯޒްމެންޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި 20 އަހަރު ހޭދަވެފައިވާއިރު އަލަށް އެކުލަވާލާ ޕްލޭންއަކީ 2020 އިން 2023 އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާ ކަންތައްތަކާޢެކު އެކުލަވާލާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލަނީ ހަމަހަމަ، ފޯރުންތެރި، އެންމެން ބައިވެރިވާ، ގުޅާލެވިފައިވާ ޖަޒީރާ ރާއްޖެއަކަށް ވާސިލުވުމުގެ ތަސައްވަރާއެކުއެވެ.
މި ޕްލޭންގައި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ އޮނިގަނޑާއި ސްޕޭޝަލް ޕްލޭން ހިމަނާނެއެވެ. އެގޮތުން އެއްވެސް ރަށެއް ބާކީ ނުވާނެހެން އުމްރާނީ ތަރައްގީގެ ރަހަ ލިބޭނެ ގޮތަށް ޕްލޭން އެކުލަވާލަން ވަނީ ނިންމައިފައެވެ.
ޕްލޭނިން މިނިސްޓްރީއިން ބުނީ މި ޕްލޭން އެކުލަވާލަނީ ހުރިހާ ރައްޔިތުންނަށް މަތީ ފެންވަރުގެ ހިދުމަތްތައް ލިބޭނެ ގޮތަކަށް ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓްރަލް ހަބްތަކެއް ގާއިމްކޮށް އެ ހަބްތަކުގެ ވަށައިގެންވާ ރަށްތަކާ ގުޅާލާ، ހުރިހާ ރަށަކަށް ތަރައްގީގެ ރަހަ ފެންނާނެ މަޝްރޫއެއް ހިންގާނެއެވެ. މި މަޝްރޫއުގެ ދަށުން ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލާ، އެ ސަރަހައްދެއްގައި ތިބެގެން އެންމެ މަތީފެންވަރުގެ ހިދުމަތްތައް ހޯދޭނެއެވެ.
ގައުމީ ތަރައްގީގެ ތަސައްވަރުގެ ދަށުން ތަރައްގީ ގެންނާނީ އެއް ރަށް އަނެއް ރަށަށް ބަރޯސާވާން ޖެހޭ ގޮތަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން ސްޕޭޝަލް ޕްލޭންގައި ހިމަނާފައި އޮތީ ސެންޓްރަލް އެއް ރީޖަނާއި، ފަސް މެއިން ރީޖަނާއި، ނުވަ ސަބް ރީޖަނާއި އަދި ހަ ސެޓެލައިޓް ކްލަސްޓާއެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މެއިން ރީޖަންތަކާ ސަބް ރީޖަންތަކާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށާއި، އަދި ސަބް ރީޖަންތަކަށް މެއިން ރީޖަނަކަށް ވުރެ ކުރި އަރައިގެން ދާން އެއްވެސް ހުރަހެއް ވެސް ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.