އިޓަލީ ކްލަބަކަށް ދާން ބޭނުން ނުވާކަމުގައި މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ. ބަލޮޓެލީ މިހެން ބުނެފައި މިވަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނަމުން ދަނިކޮށެވެ.

އިނގިރޭސި ފުޓުބޯޅައަށް ހޭނަމުންދާ ކަމަށާއި، މި ސީޒަނުގައި މެންސިޓީއަށް ދައްކަމުންދާ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ބުނެ އެކުލަބުގައި ދެމިހުންނަން ބޭނުންވާ ކަމުގައި ބަލޮޓެލީ ބުނެފައި ވެއެވެ.

"އިޓަލީ ލީގަކަށް އެނބުރި ދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އިނގިރޭސި ވިލާތުގައި މިހުރީ އުފަލާއެކު. ޕްރެމިއާ ލީގު ފުޓުބޯޅަ އަކީ ރީތި ފުޓުބޯޅައެއް. އަހަރެން ކުޅެމުން މިދަނީ މި ލީގުގެ އެންމެ ވަރުގަދަ އެއް ޓީމަށް. މިކުލަބުގައި ދެމިހުންނަން އަހަރެން ބޭނުން." ބަލޮޓެލީ ބުންޏެވެ.

އިޓަލީގެ ކުލަބަކަށް ދާން ބޭނުންނަމަ، އިޚްތިޔާރު ކުރާނީ ބަލޮޓެލީ ކުޑަ އިރުއްސުރެ ސަޕޯޓުކުރާ އޭސީ މިލާނަށް ކަމަށް ބަލޮޓެލީ ބުނެފައިވެއެވެ. ނަމަވެސް އެކަމަށް އަދި އެއްވެސް ވަރަކަށް ނުވިސްނާކަމުގައި ވެސް ބަލޮޓެލީ ބުނެފައި ވެއެވެ.

"އިޓަލީގެ ކުލަބަކަށް އެނބުރި ދާން ބޭނުންނަމަ، އަހަރެން އިޚްތިޔާރު ކުރާނީ އޭސީ މިލާން. އެކުލަބަކީ އަހަރެން އެންމެ ކުޑަ އިރުންސުރެ ސަޕޯޓުކުރާ ޓީމު. އޭސީ މިލާނަކީ އެކުގައި ކުޅެލަން ބޭނުންވާ ގިނަ ކުޅުންތެރިން ތަކެއް ތިބި ޓީމެއް." ބަލޮޓެލީ ބުންޏެވެ.

ބަލޮޓެލީ އަކީ އިޓަލީގެ އިންޓަ މިލާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، މެންޗެސްޓާ ސިޓީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. މެންސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އެދެވޭ ކުޅުމެއް ނުދެއްކުން ކަމުގައި ވިޔަސް މިސީޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ.