މަސައްކަތުގެ މާހައުލުންނާއި މަތީ ތައުލީމުގައި ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް، ބެލެނިވެރިން ބަޖުބޫރު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އެސްޓީއޯ ޓޮޕް އެޗީވާސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބެލެނިވެރީންގެ ދައުރަކަށް ވާން ވާނީ ދަރިވަރުން ވަކި ދާއިރާއަކުން ކުރިއަށް ދިޔުމަށް މަޖުބޫރުކުރުމުގެ ބަދަލުގައި، ދަރިވަރުން ބޭނުންވާ ރޮނގަކުން ކުރިއަށް ދިޔުމަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން ކަމަށެވެ.

"އޭރުން އެ ކުދިންގެ ފަރާތުން އާއިލާއަށާއި ގައުމަށް ލިބޭ ފައިދާ މާ ބޮޑު ވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދަރިވަަރުން ވަކި ދާއިރާއަކުން ކުރިއަށް ދިޔުމުގައި ހަމައެކަނި ބަލަންވީ މައިންބަަފައިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑަށް ބަލަންވީ ދަރިވަރުގެ އުއްމީދުތައް ކަމަށާއި ގާބިލުކަން ހުރީ ކޮން ރޮނގަކުން ކަން ބެލުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ދަރިވަރުން ކުރެ އެދިވަޑައިގެންނެވީ މައިންބަފައިންނާއި ބެލެނިވެރިންގެ ހެޔޮ ނަސޭހަތް ގަބޫލުކޮށް، އިސްލާމީ ރިވެތި އަދަބުތަކުގައި ސާބިތުވެ ތިބުމަށެވެ.

"އަބަދުވެސް ތިޔަ ކުދިންގެ ޢަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުން. އިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށްޓުމަށްޓަކައި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ތިޔައީ ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަދީގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ގަދަ 10ގައި މި އަހަރު 407 ދަރިވަރުން ވަނީ ހިމެނިފައެވެ. ޓޮޕް އެޗީވާސް އެވޯޑުގައި އެ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ލިބިގެންދާނެއެވެ.