ތ. އަތޮޅު މަޑިފުށްޓާއި ވިލުފުށީގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހުޅުވައިދެއްވައިފިއެވެ.

މިނިސްޓަރު އިމްރާން މިއަދު އެ ޕޮލިސް ސްޓޭޝަންތައް ހުޅުވައިދެއްވާފައިވަނީ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށަށް ވަޑައިންނަވައެވެ.

ވިލުފުށީ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތެއްގެ މުޖުތަމައެއްގެ އެންމެ ބޮޑު އުއްމީދަކީ މުޅި މުޖުތަމައަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ ސުލްހަވެރިކަމާއި އެކުވެރިކަން ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ހާއްސަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއި އެކުގައި، ސަރުކާރުގެ ސިޔާސަތުތަކާއެކުގައި ރައްޔިތުންގެ އަމާންކަން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް، އެކަމުގައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމުގެ އިތުރުން އެ ދެރަށުގެ ކައުންސިލާ ބައްދަލުކުރައްވާފައިވެއެވެ.