ސާކު ލޭބަލްވެފައި ވަނީ ނަތީޖާ ނުނެރެވޭ ކަމެއް ނުކުރެވޭ ޖަމްއިއްޔާ އެއްގެ ގޮތުގަ އެވެ. މީގެ 26 އަހަރު ކުރިން 1985ގައި ސާކު އުފެދުނީއްސުރެ މިއަދާ ޖެހެންދެން ސާކުގެ އަށް ގައުމުގެ ވެރިން އެއްތަންވެ ދެއްކި ވާހަކަތަކުންނާއި ކުރި މަޝްވަރާތަކުން ވީ އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތަކަށް އަމަލީ ސިފައެއް އައިސްފައި ވަނީ މަދުފަހަރަކު އެވެ.

ސާކުގެ ޗާޓަރުގެ ދަށުން ސަމިޓުގައި "ސިޔާސީ" ވާހަކަ ދެއްކުން މަނާކަމަށް ބުނާއިރު މީޑިޔާތަކުން އެންމެ ބޮޑަށް ފާރަލަނީ އެފަދަ މައްސަލަތަކަށެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް އިންޓަނޭޝަނަލް ނޫސްވެރިން އެންމެ ބޮޑަށް ކުރާ ސުވާލަކީ އެއީ އެވެ. ޕާކިސްތާނާއި އިންޑިއާގެ ފޮރިން މިނިސްޓަރުން ފަހަތުން މީޑިޔާތައް ދުވަނީ އެހެންވެ އެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.

"އިންޑިޔާ ޕާކިސްތާނުގެ މައްސަލައަކީ މީގެ އެންމެ ބޮޑު މައްސަލަ. ސާކުގެ ގައުމުތަކުގައި ކަމެއް ނުވެ އޮތީ އެހެންވެ. އެ މައްސަލައިގެ ސަބަބުން،" ޓައިމްސްގެ ފަރާތުން ސާކު ކަވަރު ކުރަމުންދާ ތަޖުރިބާކާރު ރިޕޯޓަރު ވިޓަލް ވިދާޅުވި އެވެ.

ވިޓަލްގެ ވިސްނުން ބިނާކުރީ އަސާސްތަކެއްގެ މައްޗަށެވެ. އީޔޫ ޒޯން ފަދަ މިނިވަން ވިޔަފާރީގެ ޓްރޭޑް ބުލޮކެއް ގާއިމް ކުރުމަށް 2004 ވަނަ އަހަރު އެއްބަސްވި ސަފްޓާ އެގްރިމެންޓް ވެސް "ޗޮކުހުން" ދިޔައީ ޕާކިސްތާނާއި އިންޑިއާގެ ބޮޑާ ހޭކުމުގެ ސަބަބުންނެވެ. އަދި ސެންސިޓިވް ލިސްޓް ސުމަކަށް ވައްޓާލުމަށް ކުރާ މަސައްކަތުގައި ވެސް ހުރަހަކަށް އެކަންވަނީ ވެފަ އެވެ.

ނިއުކުލިއާ އަދި ދުނިޔޭގެ ބޮޑަތި ބާރުގެ ގޮތުގައި ހިމެނޭ އެދެ ގައުމުން ކަޝްމީރުގެ މައްސަލައިގައި ހަނގުރާމަ ވެސް ކޮށްފައިވެ އެވެ. އެއް ގައުމަކުން ވެސް ދޫދޭން ބޭނުންނުވާ އިރު އެއްގައުމު އަނެއްގައުމުގެ ފައިދާއަށް ކަމެއް ކުރަން ބޭނުން ނުވާކަން ވެސް އެ ގައުމުތަކުގެ ވެރިންގެ ބަސްމަގު ހުންނަ ގޮތުން އެނގެ އެވެ.

މިފަހަރުގެ ސާކް ސަމިޓުން ދެ ގައުމުގެ ވެރިން "ފިނިކޮށް" ތިބަކަމަށް ފެނެ އެވެ. އިއްޔެ ބޭއްވި ކައުންސިލް އޮފް މިނިސްޓާޒްގެ ބައްދަލުވުން ފެށުމުގެ ހަވާސާގައި އިންޑިއާގެ ފޮރިން މިނިސްޓަރާ އެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ވަނީ މީޑިޔާ އާއި ބައްދަލުކޮށްފަ އެވެ. އެއީ ޑިޕްލޮމެސީގެ އުކުޅެއް ކަމައްވިޔަސް ޕާކިސްތާންގެ ފޮރިން މިނިސްޓަރު ހީނާ ރައްބާނީ ވަނީ ސާކުގެ ގުޅުމުން އެދެ ގައުމުގެ ގުޅުމަށް "ފިނި ކަމެއް" ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް "ދަތުރުކުރަން އޮތް މަގު ދިގުކަމަށް" އެކަމަނާ ވިދާޅުވި އެވެ.

މިއަދު އެދެގައުމުގެ ރައީސުން ވެސް ވަނީ ޝަގުރިއްލާގައި ބައްދަލުކުރައްވާފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްވެސް އިއްޔެ ވިދާޅުވެފައި ވަނީ "ސާކުގެމެދުގައި ހުރި މައްސަލަތަށް ހައްލުކުރަން ބޭނުންވާކަމަށާއި އެކަމަށް މަސައްކަތްޕުޅު ކުރައްވާނެ" ކަމަށެވެ.