12 Sep 2019, 19:14
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ބަދަލު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު އެ ބިލާއެކު ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ބިލުވެސް ވަނީ ތަސްދީގުކުރައްވާފައެވެ.
މީރާގެ ބޯޑަށް ބަދަލު ގެނަމުގެ ބިލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އިސްލާހުކުރުމަށް މަޖިލީހަށް ހުށަޅާފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ތިނެއްގައެވެ.
މި ބަދަލުތަކާއެކު މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
އެ ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވެއެވެ.
މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
މީގެކުރީން އެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަނުކުރައްވާ ފަސް ބޭފުޅެކެވެ.