12 Sep 2019, 16:45
ލަންޑަން (ސެޕްޓެމްބަރު 12): އިނގިރޭސިވިލާތުން އެއްބަސްވުމަކާ ނުލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވެއްޖެ ނަމަ ކުރިމަތިވެދާނެ މައްސަލަތައް ފާހަގަކޮށްފައިވާ ސިއްރު ލިޔުންތަކެއް އެގައުމުގެ ސަރުކާރުން އާއްމުކޮށްފި އެވެ.
"އޮޕަރޭޝަން ޔެލޯހެމާ" ނުވަތަ އިނގިރޭސިން އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުމާ ބެހޭ ލިޔުންތަކުގައި ވަނީ އެފަދަ ހާލަތެއްގައި ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި މައްސަލަތައް ލަފާކޮށްފަ އެވެ.
އެގޮތުން އިނގިރޭސިން އީޔޫ އިން ވަކިވުމާ އެކު، އެއިއްތިހާދުގެ އެހެން ގައުމުތަކަށް އިނގިރޭސިން މުދާ ފޮނުވާ އިރު އެމުދާ އީޔޫގެ މިންގަނޑުތަކަކަށް ފެތޭތޯ ބަލަން ފަށާނެ އެވެ. އޭގެ ސަބަބުން އިނގިރޭސިވިލާތާއި ފްރާންސް ގުޅުވައިދޭ އިންގްލިޝް ޗެނަލްގެ ޓަނަލް ހުރަސް ކުރަންދާ އުޅަނދުތައް ކިޔޫގައި ޖެހި، ދެތިން ދުވަހަށް މަޑު ކުރަން ޖެހިދާނެ ކަމަށް ލިޔުންތަކުގައިވެ އެވެ.
އަދި މުޅި ގައުމުގައި ކާނާ ލިބުމުގެ ދަތިކަމާ ކުރިމަތިލާން ނުޖެހުނު ނަމަވެސް، ބައެއް ބާވަތްތަކުގެ ތާޒާ ކާނާ ލިބޭ މިންވަރު މަދުވެދާނެ އެވެ. އަދި އޭގެ ސަބަބުން ކާނާގެ އަގު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާމްދަނީ ކުޑަ އާއިލާތަކަށް ކަމަށް ލިޔުންތަކުގައިވެ އެވެ.
މީގެ އިތުރުން އިންގްލިޝް ޗެނަލް ހުރަސްކޮށް މުދާ ބަދަލު ކުރުން އާއްމު ހާލަތަށް ރުޖޫއަ ވާން ހަ މަސް ނަގާފާނެ ކަމަށާއި އޭގެ ސަބަބުން ބޭސް ފަދަ ސިއްހަތާ ގުޅުން ހުރި އުފެއްދުންތައް ގެންދިޔުމަށް ހުރަސް އެޅޭނެ ކަމަށް ސިއްރު ލިޔުންތަކުގައިވެ އެވެ.
އިނގިރޭސި ސަރުކާރުން އެލިޔުންތައް އާއްމު ކުރީ އެމައުލޫމާތު ހާމަ ކުރުމަށް ޕާލިމެންޓުން މިދިޔަ ހޯމަ ދުވަހު ވޯޓު ދިން ފަހުންނެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އަންނަ މަހުގެ 31ގައި އިނގިރޭސިން "އެއްބަސްވުމަކާ އެއްކޮށް ނުވަތާ އެއްބަސްވުމަކާ ނުލާވެސް" އީޔޫއިން ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޯންސަން ވަނީ އަންނަ މަހުގެ 14އާ ހަމައަށް ޕާލިމެންޓް ސަސްޕެންޑު ކުރަން ނިންމަވާފަ އެވެ.
އެހެންކަމުން މިދިޔަ އަންގާރަ ދުވަހު ސަސްޕެންޑުކޮށްފައިވާ އެ ޕާލިމެންޓުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޖޯންސަން އެފަދައިން ނިންމެވީ، އިނގިރޭސިން އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުމުގެ ފުރުސަތު ބޮޑު ކުރުމަށްޓަކަ އެވެ.
ނަމަވެސް ޖޯންސަން ވަނީ އާ ސަރުކާރެއް އައުމަށް ފަހު ޕާލިމެންޓް ސަސްޕެންޑު ކުރުމަކީ އާއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ ވެރިކަމުގައި ހުންނެވި އިރު އީޔޫއާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ބްރެކްސިޓް އެއްބަސްވުމެއް އެކުލަވާލެއްވި ނަމަވެސް، ޕާލިމެންޓުން ވަނީ އެ އެއްބަސްވުމާ ދެކޮޅަށް ތިން ފަހަރަކު ވޯޓު ދީފަ އެވެ. އަދި އެކަމަނާ މިދިޔަ ޖުލައި މަހު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ވެސް އެމައްސަލައިގަ އެވެ.