މީހުން އުޅޭ 21 ރަށަކުން ގޯތި ދޫކުރުމަށް އެދިފައިވާކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި މިނިސްޓްރީގެ ލޭންޑް ޔޫސް ސެކްޝަނުން ބުނީ ގޯތި ދޫކުރުމަށް 18 ރަށަކުން މިހާރު ބިން ކަނޑައަޅާފައިވާ ކަމަށާއި ގޯތި ދޫކުރުމަށް ޕްލޭން ތައްޔާރު ކުރުމަށް އެދިފައިވި ނަމަވެސް ފަސް ރަށަކުން ބިން ދޫ ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ބިން ދޫކުރާނެ ސަރަހައްދު ފައިނަލް ނުވާ އެއް ރަށެއް އެބައޮތް ކަމަށާއި ގޯތި ދޫކުރުމާމެދު ވަކިގޮތެއް ނުނިމޭ ދެ ރަށެއް އެބައޮތް ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ގޯތި ދޫކުރުމަށް ތައްޔާރުވެފައިވާ 28 ރަށުގެ ތެރެއިން ދެ ރަށަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން 69 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދައި، އެޕްރޫވް ކުރެވިފައިވާކަމަށް ޕްލޭނިން އިން ބުންޏެވެ. އަދި ޕްލޭން އެކުލަވާނުލެވޭ، ނަމަވެސް އެ މަސައްކަތް ކުރުމަށް 48 ރަށެއް ކަނޑައަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

"ރާއްޖޭގެ ރަށްރަށުގެ ތެރެއިން 73 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދަމުން ދަނީ. 69 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެޕްރޫވް ކުރެވިފައިވާއިރު 48 ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދުމަށް ވަނީ ނިންމާފައި،" ޕްލޭނިން އިން ބުނީ ރަށްރަށުގެ ކައުންސިލްތަކުން އެދުމުން އެ ރަށްރަށުގައި ޕިކްނިކް ސްޕޮޓް ފަދަ ޕަބްލިކް ސްޕޭސް ގާއިމް ކުރުމަށް ކޮންސެޕްޓް ޕްލޭން ހެދުމަށްވެސް އެ މިނިސްޓްރީ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"42 ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބޭނުންވާ ސާވޭ ހެދުމަށް ވަނީ ޓެންޑަރަށް ހުޅުވާލެވިފައި. މިހާރު 21 ރަށެއްގެ ކައުންސިލުން ވަނީ ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައި. 12 ރަށަކަށް ވާނީ އެ ހުއްދަ ދީފައި،" އެމިނިސްޓްރީ އިން ބުންޏެވެ.