ގާނޫނު ވަކީލު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) ދޫނިދޫއަށް އަރާފައިވަނީ ވަގަށްކަމަށް ފުލުހުނުން ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ކައުންސިލުގެ މެންބަރު ވައްޑޭ ވިދާޅުވީ އޭނާ ރޭ ދޫނިދޫއަށް ވަޑައިގަތީ ވަގަށްކަމަށް ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ. އޭނާ ދޫނިދޫއަށް ވަޑައިގަތީ ވަގަށް ފަތާފައި ކަމަށް ފުލުހުން ބުނެފައިވ ކަމަށާއި އެގޮތަށް އޭނާ އެރަށަށް އެރިނަމަ ބިޑިއަޅުވައި ހައްޔަރު ނުކުރީ ކީއްވެކަމާއިމެދު ސުވާލު އުފެދޭކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ދޫނިދޫއަށް ވަޑައިގަތީ ރޭ ހުޅުލެއަށް ދަތުރުކުރަނިކޮށް ހައްޔަރުކުރި މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ދޫނދޫގައި އިސްކޮށް ހަރަކާތްތެރިވި ޕޮލިސް ސާޖެންޓް އިބުރާހިމް ހުސެއިން އަންގަވައިގެން އެމީހުންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑު ގުޅީ ދޫނިދޫގައި ހުރި ސާޖެންޓު އިބުރާހިމް ހުސެއިނަށް. އަޅުގަނޑު ދެންނެވިން އެބޭފުޅާއަށް، ޕޮލިސް ކަސްޓޯޑިއަލްގެ ސިސްޓަމުން އެނގޭނެ ނޫންހޭ ފުލުހުން ހައްޔަރުކޮށްފައިތިބި މީހުން. އެކަމަކު އަޅުގަނޑު ޕޮލިސް ކަސްޓޯޑިއަލަށް ދިޔުމުން އެތަނުން އެބަބުނެޔޭ ދޫނިދޫގައި ބަޔަކު ހައްޔަރުކޮށްފައި ތިބިކަން ސިސްޓަމަކުން އެނގޭކަށް ނެތޭ. އެހެންވީމަ ތިމަންނަމެންނަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނުދެވޭނެޔޭ. އެހެން އަޅުގަނޑު ދެންނެވުމުން އިބުރާހިމް ހުސެއިން ވިދާޅުވީ އެހެންވީމާ ވައްޑޭ ދޫނިދޫއަށް އަންނާށޭ،" ކަންވީ ގޮތް ވައްޑޭ ވިދާޅުވެ ދެއްވި އެވެ.

ވައްޑޭ ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރު އޭނާ ލޯންޗެއްގައި ދޫނީދޫއަށް ގޮސް ޕޮލިސް ސާޖެންޓް އިބްރާހިމް ހުސެއިންގެ އެންގުމަށް އެރަށަށް ފޭބުމުން އެވަގުތު އެތާނަގައި ހުރި އަޒުހާނު ނަމަކަށް ކިޔާ ފުލުހަކު އެއްވެސް ތަނަކަށް ނޮގޮސް އެތާ މަޑުކުރަން އެންގި ކަމަށާއި އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދޫނިދޫއިން ފޭބުމަށް އަޒުހާނު އެންގުމުން އެނބުރި މާލެ ވަޑައިގަތީ ކަމަށެވެ.

"އަޒުހާނުގެ އެންގުމަށް އަޅުގަނޑު އަނބުރާ ދިޔައީ މާލެގޮސް ޕޮލިސް ކަސްޓޯޑިއަލްއަށް [މަހުލޫފު އާއި އަލީ އާރިފްގެ ވަކީލެއްގެ ގޮތުގައި] ދިޔުމުން އެތަނުން ބުނީ އަދިވެސް ނެތޭ ސިސްޓަމުން ފެންނާކަށް،" ވައްޑޭ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ދެވަނަ ފަހަރަށް ޕޮލިސް ކަސްޑިއަލަށް ވަޑައިގަތް އިރު ވެސް ހައްޔަރު ކުރި މީހުންގެ ނަންތައް ސިސްޓަމުގައި ނެތް ކަމަށް ބުނި އިރު އެތަނަށް ހިޔުމަން ރައިޓްސް ކޮމިޝަނާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބެފުޅުންވެސް ވަޑައިގެންނެވި ކަމަށާއި، އެފަރާތްތަކަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެބޭފުޅުން ވަޑައިގަތުމުން ހައްޔަރުކުރި ބައެއް މީހުންގެ ނަންތައް ކަސްޓޯޑިއަލް ސިސްޓަމުން ފެނުނު ކަމަށާއި އަދި ފަހުން ދޫނީދޫއަށް ވަޑައިގަތުމުން މެންބަރު މަހުލޫފާއި އާރިފާ ދެބޭފުޅުންނާ ބައްދަލު ކުރެއްވުނު ކަމަށެވެ.

ވައްޑޭ ރޭ ދޫނިދޫއަށް ވަޑައިގެންނެވި ލޯންޗު ދޫނިދޫ ފަޅުން ނުކުމެގެން ދިޔައިރު އޭގައި ތިބި ބައެއް މީހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާފައި ވެއެވެ.