12 Sep 2019, 15:26
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގެ ޓުވީޓާ ހޭންޑަލްތައް ނުވަތަ ޔޫޒާނޭމްތައް ބަދަލުކޮށްފި އެވެ.
އަލަށް ގެނައި ބަދަލުތަކާއެކު ހުރިހާ މިނިސްޓްރީތަކެއްގެ ޓުވިޓާ ހޭންޑަލްތައް ފެށޭނީ "އެމްއޯ" އިން އެވެ. އަދި ޔޫޒާނޭމްގެ ނިންމާތަނުގައި "އެމްވީ" އިނދެ އެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޓުވީޓާ ހެންޑަލްއަކީ "އެމްއޯއީޑީޔޫއެމްވީ" އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެެ ޓުވީޓާ ހެންޑަލްއަކީ "އެމްއޯއީޑީއެމްވީ" އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް ވިދާޅުވީ މިއީ ހުރިހާ މިނިސްޓްރީތަކުގެ ޓްވިޓާ ހެންޑަލްތައް އެއް ފޯމެޓަކަށް ގެނައުމުގެ ގޮތުން ޓުވިޓާއަށް ރިކުއެސްޓުކޮށްގެން ގެނައި ބަދަލެއް ކަމަށެވެ.
އެ ބަދަލުތައް ގެނައީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށްވެސް ހޫދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އެކި އިދާރާތަކުގެ ޓުވީޓާ ހޭންޑަލްތަކަށް ބަދަލު ގެންނާނެ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.