12 Sep 2019, 10:28
އިއްޔެ މާލޭ ނޯތު ހާބަރުގައި އޮތް "ބެސްޓް ލައިން" ބޯޓުގައި ގޭސްފުޅިއެއް ގޮވާފައި ވަނީ ބޯޓުގެ ފަލްކާ ތެރޭގައި ހުރި ގޭސް ފުޅިތަކުން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރި އިރު، ގޭސް ފުޅިތައް މަތީގައި ވަރަށް ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި 83 ގޭސް ފުޅިއެއް ލީކުވެފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ލީކްވަމުން ދިޔަ ގޭސް ފުޅިތައް އަނބުރާ ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ެވސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރޭ 7:00 އެހާކަންހާއިރު ހިނގި ހާދިސާގައި ހަތް މީހަކަށް ވަނީ އަނިޔާވެފަ އެވެ. ހާދިސާގައި އަނިޔާވެފައި ވަނީ ފަސް ދިވެހީންނަށާއި ދެ ބިދޭސީއަކަށެވެ.
އަނިޔާވި ހަތް މީހުންނަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ގޭސްފުޅި ގޮވި ބޯޓަކީ އައްޑޫ ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.