އިދިކޮޅު ފަސް ޕާޓީ އެކުވެ މަޝްވަރާތައް ފެށުމަކީ 2013 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލު ކުރަން އިދިކޮޅުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް އިދިކޮޅު ބޮޑު ފަސް ޕާޓީން ބުނެފި އެވެ. ބުނީ އެއީ އެއްއަމާޒަކަށް ދަތުރުކޮށް ސަރުކާރު ބަދަލު ކުރަން އަޅާ ފިޔަވަޅެއް ކަމަށެވެ.

ޑީއާރްޕީއާއި އެ ޕާޓީ ތެރެއިން އުފެދުނު ޕީޕީއެމާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން އިއްޔެ ނޫސްވެރިންނާ ޖޮއިންޓް ޕްރެސް ކޮންފަރެންސްފައި ބުނީ ސަރުކާރު ބަދަލު ކުރަން އިއްތިހާދަކަށް އެއްބަސް އަދި ނުވި ނަމަވެސް މި ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ދޭން ޖެހޭ އެހީތެރިން ކޮންމެ ޕާޓީއަކުންދީ، އެމަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.

ސަރުކާރު ބަދަލު ކުރުމަށް އިއްތިހާދެއް ހެދުމަށް އެއްބަސްވުމަކަށް ނާދެވުނުނަމަވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ހުރިހާ ކަމެއްކަމެއް ކުރަން އުސޫލެއްގެ ގޮތުން ޕާޓީތަކުން އެއްބަސް ވެފައިވާ ކަމަށް ވެސް ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

"ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީގެ އެހީ ލިބުނަސް އަޅުގަނޑުމެން މިތިބީ އެމީހުންގެ އެހީ ހޯދަން ވެސް ތައްޔާރަށް. ނަމަވެސް ހިޔެއްނުވޭ އެމީހުން [އެމްޑީޕީ] އަޅުގަނޑުމެންނާއި އެއްބާސްވާނެ ކަމަކަށް،" ޝަރީފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އުފެދުނުތާ ތިން އަހަރު ވާން ގާތްވެފައިވާއިރު އިދިކޮޅު ހުރިހާ ޕާޓީތަކެއް ވެސް ދީނީ، އަދި ގައުމީ ކަންކަމުގައި އެއްގަލެއްގައި ތިބެގެން މަސައްކަތް ކުރުމަށް އެއްބަސްވުމަކީ ވަރަށް ބޮޑު ހަރަކާތެއްގެ ފެށުން ކަމަށެވެ.

"އާދެ! އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިސަރުކާރު ބަދަލުކުރާނަން. އެކަމަށް ވަގުތެއް ކަނޑައަޅާނީ ކިހިނެއްތޯ ގުޅޭނީ ކޮންގޮތަކަށްތޯ އެއީ ފަހުގެ ކަމެއް. މިއެންމެން ވެސް މިތިބީ މިސަރުކާރު ބަދަލްކުރުމުގެ ރޫހު ހިތުގެ އަޑީގައި ހިފާފައި،" އިމްރާން ވިދާޅުވި އެވެ.

ޕާޓީތަކުން މިފެށި މަސައްކަތަކީ ގައުމީ ދީނީ ކަންކަމުގައި އިދިކޮޅު ފަރާތްތައް އެކައްޗެއްކިޔައި ގުޅިގެން ސަރުކާރު ޒިންމާދާރުކުރުމަށާއި، އެންމެން ގުޅިގެން 2013 ގައި ސަރުކާރު ބަދަލުކުރުމުގެ ރޫހުގައި ފެށުނު މަސައްކަތެއް ކަމަށް ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވިއެވެ.

"ގައުމުގެ ހައްގުގައި ޕީޕީއެމުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ދޭންޖެހޭ ހުރިހާ ދޫތަކެއް ދޭނަން،" އުމަރު ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަމީން ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ގެންގުޅޭ ޕާޓީއެއް ކަމަށާއި އެކަން މިހާރު ވެސް ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އިންތިހާބެއް ބޭއްވި ނަމަވެސް އިދިކޮޅު އެންމެން ގުޅިފައިވާނަމަ މި ސަރުކާރު ބަލިވާނެ ކަމަށެވެ.

"ދެހާސްތޭރަ ވަނައަހަރު އަހަރު މި ސަރުކާރު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ކޮންމެ މަހަކު އަތޮޅެއްގައި ސަމިޓެއް ބޭއްވިޔަސް ސަރުކާރު ބަދަލުކުރެވޭނެ،" އަމީން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ އިއްތިހާދަކުން މި ސަރުކާރު ބަދަލުކުރަން ޖެހިއްޖެނަމަ އިއްތިހާދު ހަދައިގެން ވެސް އެކަން ކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ. ގައުމީ އަދި ދީނީ މަސްލަހަތު ހިމެނޭ ކަންކަމުގައި އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށާއި މިކަމަކީ ސަރުކާރު ބަދަލުކުރުމުގެ ފެށުމެއް ކަމަށެވެ.