12 Sep 2019, 09:33
ސޯޝަލް މީޑިއާއަކީ އަބަދުވެސް އެންމެ ހިތްގައިމު ތަނަކަށް ނުވެދާނެ އެވެ. ނަމަވެސް އެއީ ބައެއް ފަހަރު ކުޑަ ކުޑަ ދެ އެކުވެރިއެއްގެ ގާތް ގުޅުން ދައްކުވައިދީ، އެދެކުދިން އެންމެންގެ ހިތްވެސް އަތުލަފާނެ ތަނެކެވެ.
އެގޮތުން މިހަފްތާ ތެރޭ ފޭސްބުކުގައި ގިނަ ބަޔެއްގެ ލޯބި ބަންޑުންކޮށްލާފައި ވަނީ ނިއު ޔޯކްގައި އުޅޭ އުމުރުން ދެ އަހަރުގެ ދެ ބެސްޓްފްރެންޑުން މަގުމަތިން ފެނުމުން، އެކުދިން ބައްދާލާ ވީޑިއޯއަކަށެވެ. އެވީޑިއޯ ނަގާފައި ވަނީ ދެ ކުދިން ބައްދަލުނުވާތާ ދެ ދުވަސް ފަހުން ކަމަށް އޭގެ ތެރެއިން އެއް ކުއްޖެއް ކަމަށްވާ މެކްސްވެލް ހޭންސަންގެ ބައްޕަ، މައިކެލް ސިސްނެރޯސް ބުންޏެވެ.
އެވީޑިއޯއިން މެކްސްވެލް އާއި އޭނާގެ އެކުވެރިޔާ ފިނެގަން، މާ ދުރުން ފެށިގެންވެސް ބާރަށް ދުވެފައި ގޮސް، ބައްދާލާ މަންޒަރު ފެނެ އެވެ. އަދި އެއް ކުއްޖެއްގެ އަތުގައި އޮތް ރީނދޫ ކުލައިގެ ކާރަކަށް ދެ ކުދިންގެ ސަމާލުކަން ކުޑަ ވަގުތުކޮޅަކަށް ހުއްޓުމަށް ފަހު އަނެއްކާވެސް ދެ ކުދިން ދުއްވައިގަންނަ މަންޒަރު ފެނެ އެވެ.
"މިއީ ބުރާސްފަތި ދުވަސް. މި ދެކުދިން އަންގާރަ ދުވަހުގެ ފަހުން ފުރަަތަމަ ފަހަރަށް މިބައްދަލުވީ. މިއީ ހާދަ ރީތި މަންޒަރެކޭ،" ސިސްނެރޯސް ވީޑިއޯ ޝެއާ ކުރަމުން ބުންޏެވެ.

މެކްސްވެލް އާއި ފިނެގަން ބެސްޓްފްރެންޑުންނަށްވިތާ އަހަރެއް ވެދާނެ ކަމަށް އެއް ކުއްޖެއްގެ ބައްޕަ ބުނޭ -- ފޮޓޯ: ސިސްނެރޯސް
އެވީޑިއޯ މިހާރު ފޭސްބުކް ބޭނުން ކުރާ ފަރާތްތަކުން 11،000 ފަހަރު ބަލާފައިވާ އިރު، ޓުވިޓާ އާއި އިންސްޓަގްރާމުންވެސް އެތައް ހާސް މީހުން ޝެއާކޮށް ބަލާފައިވެ އެވެ.
ސިސްނެރޯސް ބުނި ގޮތުގައި އެދެ ކުދިން 'ބެސްޓް ފްރެންޑްސް'އަށްވިތާ މިހާރު އަހަރެއް ވެދާނެ އެވެ. އަދި ދެ ކުދިންގެ އާއިލާ ގާތް ކަމުން، އެންމެން އެއްކޮށް ޗުއްޓީއަށްދާ ކަމަށްވެސް ސިސްނެރޯސް ބުންޏެވެ.
ފޭސްބުކުން އެވީޑިއޯ ބެލި މީހަކު ވަނީ "އެހެން މީހުންވެސް އެމީހުންގެ އެކުވެރިން ފެނުމުން އުފާވާކަން މިގޮތަށް ނުދައްކަނީ ކީއްވެގެންތޯ" ސުވާލުކޮށްފަ އެވެ.
އަދި އެހެން ފަރާތްތަކުން ވަނީ "އަސްލު ލޯތްބަކީ އެހެން މީހުންގެ ހަމުގެ ކުލައަށް ބަލާފައިވާ ލޯތްބެއް ނޫންކަމާއި، ހަމުގެ ކުލައަށް ބަލާ ތަފާތު ކުރުމަކީ ކުޑަކުދިން ދަންނަ ކަމެއް ނޫން ކަން" މިވީޑިޯއިން އެނގިގެންދާ ކަމަށް ބުނެފަ އެވެ.