ސ. ހިތަދޫން: އަހުމަދު ނާއިފް

ސާކްގެ އަށް ގައުމުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ސާކް ސަމިޓް މިއަދު މެންދުރު 2:30ގައި މި ރަށު އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ފެށޭ އިރު ގައުމުތަކުގެ ވެރިންގެ ސަލާމަތްތެރި ކަމުގައި ސިފައިންނާއި ފުލުހުން އަދި ލަންކާގެ އަޝްކަރިއްޔާ އަންނަނީ އައްޑޫ ސިޓީގައި އަތްފުނާއަޅަމުންނެވެ. ހާއްސަ ގޮތެއްގައި އީކުއެޓޯރިއަލް ސެންޓަރާއި (އީސީސީ)އާ ގުޅިފައިވާ މަގުތަކާއި ސެންޓަރުގެ ވަށައިގެން ވަނީ ސަލާމަތީ ފިޔަވަޅުތަކުގެ ފާރެއް ލާފަ އެވެ.

"އަޅުގަނޑުމެން ވަނީ ސެކިއުރިޓީގެ ފުރަތަމަ ޝީލްޑް ލާފައި. ދެން އޭގެ މައްޗަށް އެހެން ކޯޓުތައް އަންނާނީ،" އިންޓާނަލް ސެކިއުރިޓީ ކޮމާންޑާ އަބްދުﷲ ފައިރޫސް ވިދާޅުވި އެވެ.

އިއްޔެގެ ނިޔަލަށް ގައުމުތަކުގެ އެންމެ އިސްވެރިން އައްޑުއަށް ވަޑައިގެން ނިމިފައިވާ އިރު، އައްޑޫގެ މަގުތަކުގެ ސަލާމަތީ ކަންކަން ވަނީ އެލާޓަށް ގެނެސްފަ އެވެ. ކޮންމެ މަގެއްގައި ވެސް ފުލުހުން އަންނަނީ ފޯރިމަރަމުންނެވެ. ވެހިކަލެއްގައި ދުއްވާ ނަމަ ދެތިން ޗެކް ޕޮއިންޓެއްގައި މަޑުކުރަން ޖެހެ އެވެ. ދިގު ކޔުތަކެއް ޗެކް ޕޮއިންޓްތަލުގައިއޮވެ އެވެ. އެންމެ އަވަހަށް ތަނަކަށް ދާން ޖެހޭ މީހާ ވެސް ޗެކް ޕޮއިންޓެއްގައި ފަސް ވަރަކަށް މިނެޓް މަޑުކުރަން ޖެހޭނެ އެވެ.

"އަޅުގަނޑުމެން ލައިސަންސް ނޫނަސް އެހެން ކަންތައްތައް ވެސް އެބަ ބަލަން މުޅި އުޅަނދު ރަނގަޅަށް ޗެކް ކުރަން. ޝައްކު ކުރެވޭ އެއްޗެއް އޮތް ނަމަ އިތުރަށް ބަލާނެ،" ފައިރޫސް ވިދާޅުވި އެވެ.

ހާއްސަގޮތެއްގައި ގަމަށް އަރާ ނަމަ ސުވާލުތަށް ގިނެވެފައި ގިނަ ވަގުތު ވެސް ވާނެ އެވެ.

"މީގެ ކުރިން މިހާވަރަށް ސެކިޔުރިޓީ އޮއްވަކާ ނުދެކެން. އެތައް އިރެއްގައި އެބަ ޖެހޭ މަގު ބަންދުވެގެން ތިބެން. އަދި ޗެކްޕޮއިންޓަކާ ޖެހިއްޖިއްޔާ ދިހަ ވިއްސަކަށް މިނެޓް ނުވަނީސް ސަލާމަތް ވެސް ނުވާނެ،" ހިތަދޫގައި ޓެކްސީ ކުރާ އަހުމަދު މުހުތާރު، 30 ބުންޏެވެ.
ހައި ސެކިއުރިޓީގައި އުނދަގޫތަކެއް ހުއްޓަސް ސާކުގެ ގައުމުތަކުގެ ބައެއް ވެރިންނަކީ ހައި ޓާކެޓްތަކެކެވެ.

އެ ވެރިންގެ ތެރޭގައި ނިއުކުލިއާ ބާރުތަކުގެ ވެރިން ތިއްބެވި އިރު އެބޭފުޅުނަށް ކަޅި އަޅާނެ އެތައް ބަޔަކު ތިބޭނެ އެވެ. އޭނގެން ކޮންމެ ކަޅިއަކަށް ސެކިއުރިޓީން ވެސް ކަޅި ނަގައިގެން ތިބެން ޖެހޭނެ އެވެ.

"އެނގިވަޑައިގަންނަވާނެ ސަމިޓަށް ވަޑައިގަންނަވާ ބޭފުޅުންނަކީ އެ ބޭފުޅުންގެ އަމިއްލަ ގައުމުގައި ވެސް ވަރަށް ހައި ރިސްކް ބޭފުޅުން. އެހެންވީމަ އެ ބޭފުޅުންގެ އަމިއްލަ ގައުމުގައި އޮންނަ ސެކިއުރިޓީ ތްރެޓް ވެސް އެނގި ތިބެ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އިންޓަ އެޖެންސީ ޓާސްކް ފޯސް (ޖޭއައިއޭޓީއެފް)ގެ ކޮމާންޑަރު މުހަންމަދު ޒިޔާދު ވިދާޅުވި އެވެ.

ސެކިއުރިޓީ ޓާސްކުފޯހުގައި އިމިގުރޭޝަނާއި ކަސްޓަމްސް ބައިވެރިވާ އިރު މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޗޮއިންޓް އޮޕަރޭޝަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާކު ސަމިޓާ ދިމާކޮށް އެއްވެސް "ނުރައްކާތެރި ކަމެއްނެތި" އޮމާންކޮށް އޮތް ނަމަވެސް ކަނޑުގެ ސަރަހަށްދު ވެސް އަންނަނީ ބަލަހައްޓަމުންނެވެ. އެގޮތުން އިސްވެރިން ތިއްބަވާ ޝަގުރިއްލާ ރިސޯޓާއި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދުގައި މެރިން ސިފައިން އަންނަނީ ޕެޓްރޯލް ކުރަމުންނެވެ. އަދި ވައިގެ މަގުން ވެސް އެ ސަރަހައްދު ބެލުމުގައި އިންޑިއާގެ އެއާފޯސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކަނޑުގެ މަގުން ދަތުރުކުރާ އުޅަދުތައް ވެސް ހުއްޓުވައި ބަލައި ފާސްކުރުމުގައި 30 އަށް ވުރެ ގިނަ އުޅަނދު ހަރަކާތްތެރި ވެ އެވެ.

ސާކް ސަމިޓު ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެގާރަޖަހާ އިރުން ފެށިގެން ގައުމުތަކުގެ މިނިސްޓަރުން ކޮންވެންޝަން ސެންޓަރަށް ވަޑައިގަންނަވަން ފަށާނެ އެވެ.

އެ ވަގުތާއި ދިމާކޮށް ނަރުހުންނާއި ކުއްލި ހާލަތުގައި ސިއްހީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓީމްތަކުން ކޮންވެންޝަން ސެންޓަރަށް ދަނީ އަންނަމުންނެވެ. އަދި ހިތަދު އާއި ސިޓީގެ ގިނަ މަގުތަކެއް ވަނީ މުޅިންހެން ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ލިންކް ރޯޑުވެސް ހިމެނެ އެވެ.

ކޮންވެންޝަން ސެންޓަރުން މޯބައިލް ފޯނާއި ވައެލަސް ކޮމިޔުނިކޭޝަންގެ ހިދުމަތްތައް މެދުކަޑާލާފައިވާ އިރު ކޮންވެންޝަން ސެންޓަރުގެ ގޭޓުތަކުގައި މިވަގުތު ތިބީ ބަރުހަތިޔާރުގައި ތިބި އަސްކަރިއްޔާގެ ބޭފުޅުންނެވެ. އިތުރުވެހިކަލްތައް ފުރާ މިހާރު ވެސް އަންނަނީ އަޝްކަރިއްޔާގެ ފައުޖުތަކުން ސެންޓަރަށް ޖަމާވަމުންނެވެ. އައްޑޫގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބިޔަ އަދި ބޮޑު އޮޕަރޭޝަން މިވަނީ ފެށިފަ އެވެ.