11 Sep 2019, 22:40
ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން މި އަހަރުގެ މިހާތަނަށް ރާއްޖެ އެތެރެވާން 11 މީހުން އުޅުނުކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ އެ ހުރިހާ އެންމެން ވެސް ރާއްޖެ އެތެރެވުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށެވެ.
ނަަމަވެސް އެގޮތަށް އެތެރެވީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް އިމިގްރޭޝަނަކުން ނުބުނެ އެވެ. އިމިގްރޭޝަނުން މީގެ ކުރިން ބުނީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.
އޮޅުވާލައިގެން އެތެރެވާން މަސައްކަތްކުރި ދެ މީހުންގެ ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯއެއް ވެސް އިމިގްރޭޝަނުން މީގެ ކުރިން ވަނީ އާއްމުކޮށްފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓުކޮށް، އަނބުރާ ގައުމަށް ފޮނުވާލުމުން އެހެން މީހެއްގެ ޕާސްޕޯޓުގައި ޝަހްސު އޮޅުވަލައިގެން އަލުން ރާއްޖެ އެތެރެވުމަކީ، ހިނގާ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އެއާ އެކު އަލުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމަށް އިމިގްރޭޝަން އާއި ކަމާ ގުޅޭ އިދާރާތަކުން ވަނީ މަސައްކަތްތަކަތް ފަށައިފަ އެވެ.