އީދު އުފާ ފާޅުކުރުމުގެ ގޮތުން ށ. ގޮއިދޫގައި ރޭ ބޭއްވި ސްޓޭޖް ޝޯއެއް ބަލަން އެ ރަށައް ދިޔަ ށ. ކަނޑިތީމު ބަޔަކާއި ގޮއިދޫ ރައްޔިތުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިގެން ޝޯ ނިމިއްޖެ އެވެ.

ގޮއިދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ހަމަނުޖެހުން ހިގަން މެދުވެރިވީ ޝޯ ބެލުމަށް އެރަށައް ދިޔަ ކަނޑިތީމުގެ ފިރިހެނުންތަކެއް އަންހެން ހެދުން އަޅައިގެން ތިބުމުން ގޮއިދޫގެ ބައެއް ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަން ޒުވާބަކަށް ބަދަލުވުމުން ކަމަށެވެ. ގޮއިދޫ މީހުންގެ ރުޅި ގަދަވީ އަންހެން ހެދުމުގައި ކަނޑިތީމުން ދިޔަ 30 އަށްވުރެ ގިނަ ފިރިހެނުން ސްޓޭޖަށް އަރާ ނަށައި އެކިކަހަލަ ވައްތަރު ޖައްސަން ފެށުމުން ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.

ގޮއިދޫ މީހަކު ބުނީ ރޭ ހިނގި އެ ހަމަނުޖެހުމުގެ ތެރޭގައި ކަނޑިތީމުގެ ބައެއް މީހުން ފުޅި (ސާފު ބޮން) ގޮއްވާފައިވާ ކަމަށާއި ފުޅި ގަދަ އަޑެއް ހުންނަ ފުޅި ގޮއްވުމުގެ ސަބަބުން ޝޯ ބަލަން ގޮސްތިބި ގޮއިދޫގެ ކުޑަކުދިން ބިރުގަނެ ބައެއް ކުދިން ހެއަށް ގޮތްވެފައިވާ ކަމަށެވެ.

"ހަމަނުޖެހުން ތަކުގެ ތެރޭގައި ފުޅި [ސާފް ބޮން] ގޮއްވި. ފުޅިތައް ގޮއްވުމުން އެތާގެ ތެރޭގައި ވަރުގަދަ އަޑުފައްގަޑެއް އުފެދުމުން ކުޑަކުދިންތައް ބިރުން ރޯން ފެށި ހިސާބުން ޝޯ ފަނިވީ. ބައެއް ކުދިން ހޭ ނެތުނު،" އެ މީހާ ބުންޏެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ރަޝީދު ވިދާޅުވީ ރޭ ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ގޮއިދޫ އީދު ޝޯގެ އިތުރު ޝޯތައް ހުއްޓާ ނުލައި މިރޭ ވެސް ބާއްވާނެ ކަމަށާއި ރޭގެ ހަމަނުޖެހުންތައް މިހާރު އޮބި ދެފާތުގެ މެދުގައި މިހާރު މައްސަލައެއް ނެތް ކަމަށެވެ.

"މިތަނުގެ އަމާންކަން ގެއްލޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. ރަށުގައި އިތުރަށް ބާއްވަން ހަމަޖެހިފައި ހުރި ޝޯ ތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކުޅި ބަލަން އަންނަ ބަޔަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން،" ރަޝީދު ވިދާޅުވި އެވެ.