10 Nov 2011, 09:54
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިސްލާމް ދީނާ ހިލާފު ބެނާތަކެއް ދަމާފައި ހުރި ކަމަށް ބުނެ އެއާޕޯޓަށް އަރަން ދަތުރު ކުރަނިކޮށް ފުލުހުން ހުއްޓުވައި ހައްޔަރު ކުރި 80 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައެއް މީހުން ރޭ މިނިވަން ކޮށްފި އެވެ.
ދޫކޮށްލި މީހުންގެ ތެރޭގައި ފެރީން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ހިމެނި ވަޑައިގަންނަވަ އެވެ. މީގެ ތެރެއިން މަހުލޫފަކީ ބެނާތައް ނެގުމަށް އެއާޕޯޓަށް ދާން މީހުން އެއްވުމަށް އިއްޔެ ހަވީރު އެސްއެމްއެސްތައް ފޮނުވި ބޭފުޅުޅެކެވެ.
ރޭ ކަނޑުމަތިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން މިނިވަންކޮށްފައި ވަނީ ދޭ ދަންވަރު ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް ދޫކޮށްލީ ކިތައް މީހުން ކަމެއް ސާފުކޮށެއް ނުދިނެވެ. ހަމަ އެކަނި ވިދާޅުވީ ބައެއް މޫހުން ދޫކޮށްލާފައިވާ ކަމަށާއި ހައްޔަރުގައި ތިބި މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"ދޫކޮށްލީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވޭ، ހައްޔަރުކުރި މީހުންގެ ޖުމް އަދަދު ވެސް އަދި ސާފެއް ނުވޭ، އެކަމަކު ބައެއް މީހުން ރޭ ވަނީ ދޫކޮށްލާފައި،" ފުލުހުންގެ މީޑިޔާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
އީސާގެފާނު ސޫރަ ރަމްޒުކޮށްދޭ ބެނާތަކެއް އެއާޕޯޓްގައި ހުރި ކަމަށް ބުނެ އެ ބަނާތައް ނަގަން ދެ ފެރީއެއްގައިި 80 އަށްވުރެ މީހުން އިއްޔެ އިރުއޮއްސުނު ވަގުތު، އިސްލާމީ ޝުއޫރު ފާޅުކުރަމުން ދަތުރު ކުރި އެވެ. އަންހެނުން ވެސް ހިމެނޭ ގޮތަށް އޭގެތެރޭގައި ޕީޕީއެމާއި އަދާލަތާއި ޑީއާރްޕީ އާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވެސް ތިއްބެވެ.
އަދި އެއް ފެރީއެއްގައި އޮޅިގެން އަރައިތިބި ދެ ޓޫރިސްޓަކު ތިބި އިރު އަނެއް ފެރީ ގައި ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ބަޔަކު ވެސް ތިއްބެވެ. މީގެ އިތުރުން އެ ދަތުރު ކަވަރު ކުރަން ފެރީއަށް އެރި 13 ނޫސްވެރިޔަކު ހިމެނުނެވެ. ފާހާއި ފޯނު އަތުލުމަށް ފަހު ފުލުހުން ދޫނިދޫގައި ހިފަހައްޓައިގެން އުޅުމަށް ފަހު ނޫސްވެރިން މިނިވަން ކޮށްފައި ވަނީ ރޭ 10:00 ޖެހިއިރު އެވެ. "މިހާރު ތީ ކުށްވެރިން ނޫން" ކަމަށް އެންގުމަށް ފަހު އެވެ.
ދެ ފެރީއަށް މީހުން އަރުވައިގެން އެއާޕޯޓަށް އަރަން ދަނިކޮށް ހުއްޓުވައި ދަތުރުކުރި އެންމެން، ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫއަށް ގެންގޮސް ހައްޔަރު ކުރީ ފެރީގައި ތިބެ ރޮމުން ދިޔަ ދެ ޓޫރިސްޓުން ފޮނުވައިލުމަށް ފަހު އެވެ. ކަނޑުމަތިން ފެރީތައް ހުއްޓުވީ އިތުރު ބަޔަކު މާލެން ފުރި ނުދީ ފެރީ ސަރަހައްދުން މީހުން ފޮނުވާލައި މަގުތައް ބަންދުކޮށްލުމަށްފަހު ރަޔަޓް ގިޔަރު ފުލުހުން ލޯންޗު ފުރަފުރައިގެން ގޮހެވެ.