ތެހެރާން (ނޮވެމްބަރ 10) : އެމެރިކާއާއި އިސްރާއީލުން ކިތަންމެވަރަކަށް ބިރުދެއްކިނަމަވެސް ނިއުކްލިޔަރ ޕްރޮގްރާމް، ހިނދުކޮޅަކަށްވެސް ހުއްޓާނުލާނެ ކަމަށާއި އެޕްރޮގްރާމާގެން ހަލުއިދުވެލީގައި ކުރިޔަށްދާނެކަން އީރާނުން ކަށަވަރުކޮށްދީފިއެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޝައްކުކުރެވޭ ކަމަށްބުނެ އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) ން އިއްޔެ ނެރުނު ރިޕޯޓަށްފަހު ދެއްވި ބަޔާނެއްގައި ނެޖާދް ވިދާޅުވީ އައި.އޭ.އީ.އޭ.ގެ ރިޕޯޓަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭ އައުމަޢްލޫމާތުހިމެނޭ ރިޕޯޓެއް ނޫންކަމަށާއި އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޝައްކުކުރެވޭފަދަ މަޢްލޫމާތު ލިބިފައިވާކަމަށްބުނެ މީގެކުރިން އެއިދާރާއިން ނެރެފައިވާ ރިޕޯޓްގައިވާ ވާހަކަތައް އިއްޔެގެ ރިޕޯޓްގައި އަލުން ތަކުރާރުކޮށްފައިވާ ކަމުގައެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޝައްކުކުރެވޭފަދަ މަޢްލޫމާތުތަކެއް އައި.އޭ.އީ.އޭ. އަށް ލިބިފައިވަނީ އީރާނުގައި ބޮންގޮއްވުމުގެ ޢަމަލުތަކެއް ހިންގަމުންގެންދާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ މުޖާހިދީ ޚަލްޤު ޖަމާއަތުގެ ފަރާތުންނެވެ. އެޖަމާއަތުން އައި.އޭ.އީ.އޭ. އަށް ދިންކަމަށްވަނީ އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓެއްގެ ލެޕްޓޮޕް ވަގަށްނެގުމަށްފަހު އެމެރިކާގެ ޖާސޫސީ އިދާރާއާ ގުޅިގެން ނިއުކްލިޔަރ ބޮމެއް ހަދާނެގޮތުގެ ކުރެހުން ތަކެއްގެ ފައިލްތަކެއް އެއަށް އިންސްޓޯލްކުރުމަށްފަހު އެލެޕްޓޮޕެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށްބުނެ އައި.އޭ.އީ.އޭ.ގެ ރިޕޯޓްތަކުގައި މިފަހަކަށް އައިސް ތަކުރާރުކުރަމުންގެންދާ މަޢްލޫމާތުތައް ބިނާކޮށްފައިވަނީ އެފައިލްތަކުގެ މައްޗަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ 6 މަސްކުރިން އީރާނާބެހޭގޮތުން އައި.އޭ.އީ.އޭ. ން ނެރުނު ރިޕޯޓްގައިވެސް މިމަޢްލޫމާތު ހިމަނާފައިވެއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭގޮތުން އައި.އޭ.އީ.އޭ. ން ނެރުނު ރިޕޯޓާބެހޭގޮތުން، އެއިދާރާއަށް ކަނޑައަޅާފައިވާ އީރާނުގެ މަންދޫބު ޢަލީއަކްބަރު ސުލްތާނިޔާ ވިދާޅުވީ އެއީޓެކްނިކަލް ރިޕޯޓެއް ނޫންކަމަށާއި އެއީ ސިޔާސީ ކުލަވަރު ޖެހިފައިވާ ރިޕޯޓެއްކަމުގައެވެ. "އައި.އޭ.އީ.އޭ. ގެ ރިޕޯޓަކީ އީރާނަށް ގޯނާކުރަންބޭނުންވާ އެމެރިކާއާއި އިސްރާއީލު ބޭނުންވާގޮތަށް އެމެރިކާ ވަރަށްބޮޑަށް ނުފޫޒު ފޯރުވާފައިގެން ނެރެފައިވާ ރިޕޯޓެއް" ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ސުލްތާނިޔާ ވިދާޅުވިއެވެ.
އައި.އޭ.އީ.އޭ. ގެ ރިޕޯޓަށްފަހު އެމެރިކާވަނީ އީރާން މުޅިން އިނދަޖައްސާލާވަރުގެ ހަރުކަށި ފިޔަވަޅުތަކެއް އދ. މެދުވެރިކޮށް އެޤައުމާދެކޮޅަށް އަޅާނެކަމުގެ އިންޒާރުދީފައެވެ. އެރިޕޯޓްގެ ކުރިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ޙަމަލާދީ އެތަންތަން ހަލާކުކޮށްލާނެކަމުގެ އިންޒާރުތައްދީ މައްސަލަ ހޫނުކުރަން އިސްރާއީލުން މަސައްކަތްކުރާތާ ދެހަފްތާ ވެފައިވެއެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު އެލެންޖުޕޭ އިއްޔެ ވަނީ "އީރާން އިނދަޖައްސާލެވޭވަރުގެ ހަރުކަށި ފިޔަވަޅުތަކެއް" އދ. މެދުވެރިކޮށް އެޅުމަށްޓަކައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުކަމަށް ގޮވާލައްވާފައެވެ. ނަމަވެސް ރަޝިޔާއާއި ޗައިނާވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއްނެތް ކަމަށްބުނެ އެކަމާ ދެކޮޅުހަދާފައެވެ.

އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތަކަށް ރައްދު ދެއްވަމުން އީރާނުގެ ގުޅިފައިވާ ލަޝްކަރުތަކުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޖެނެރަލް މަސްޢުދު ޖަޒާއިރީ މިއަދު ވިދާޅުވީ އިސްރާއީލުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކުޑަވެސް ޙަމަލާއެއްދީފިނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުކަމަށްވާ ދައިމޫނާ ނިއުކްލިޔަރ ރިއެކްޓަރު ގޮއްވާލާނެ ކަމުގައެވެ. އިސްރާއީލަށް މައިތިރި ނުކުރެވޭނެފަދަ ދުރުރާސްތާގެ ބާރުގަދަ މިސައިލްތަކާއި އެނޫންވަސީލަތްތައްވެސް އީރާނަށް ލިބިގެންވާ ކަމަށް އީރާނުގެ ޢަސްކަރީ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. -- ނޫސްއެޖެންސީތައް، މީޑިޔާ ރިޕޯޓްތައް