މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން އިއްޔެ ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އިއްޔެ މާލެއިން އަށް ތަނެއް އަދި އައްޑޫއިން އެއް ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އިއްޔެގެ އޮޕަރޭޝަނުގައި ފުލުހުން ފާސްކޮށްފައިވަނީ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ އެދުމަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ.

އެގޮތުން ފާސްކުރި ތަންތަނުގެ ތެރޭހައި ސީކްރެޓް ރެސިޕީ ހުންނަ އިމާރާތުގެ އިތުރުން ގާކޮށީ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓަކާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކުރިމަތިން ހުންނަ އިމާރާތެއްގެ އިތުރުން ސޯޝަން މަގު ޝޮޕް އެންޑް ސޭވް ކައިރީ ހުންނަ ގެއެއް ހިމެނެއެވެ.

މިއީ ރިލްވާންގެ މަރުގެ ރިޕޯޓްގައި ނަންތައް ހިމަނާފައިވާ؛ ތ. އޮމަދޫ އަތިރީގޭ، ސާމިހު މުހައްމަދު (ސޯމިތު)، ހ. ވާލީ ވިލާ އަލީ ޝިޔާމް (ވީބީ އައްޔަ) އަދި ސ. ފޭދޫ، ގުރަހާގޭ އަހުމަދު އަގްލީލް (ކިޑޫ) އާ ގުޅުން ހުރި ތަންތަނެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން މާލެއާއި އައްޑޫގައި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު ސިފައިންވެސް ވަނީ ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ރޭ ހަރަކާތްތެރިވެފައެވެ. ސިފައިންގެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅުގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ވިދާޅުވީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު މި ސަރުކާރުން ހައްޔަރު ކުރާނެ ކަމަށާއި އެކަމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

މިވަގުތު ވެސް ބަޔަކު ހައްޔަރުކުރަން ޖެހޭނަމަ، އަދި ތަހުގީގަށް ހާޒިރުކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށާއި އެއްވެސް ކަމެއްގައި ލަސްނުކޮށް މުއައްސަސާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

މަރު ކޮމިޝަނުން ރިލްވާނުގެ މަރާ ގުޅިގެން އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ ރިލްވާނުންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާކަމަށް ސިއްރު ހެއްކަކު ބުނެފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން މަރާލި މީހުން ނިސްބަތްވަނީ އަލްގައިދާ ރާއްޖެ ގޮތްޕަށް ކަމަށެވެ. އަދި ވެސް މިފަދަ އެތައް ގަތުލެއް ހިންގުމުގައި އެ މީހުން އިސްވެ ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.