އދ. މަޖިލިސް (ނޮވެމްބަރ 9) : އދ. ގެ މެންބަރަކަށް ވުމަށް ފަލަސްތީނުން ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅު ހެދުމަށް ނޫނީ ވަކިކޮޅަކަށް ވޯޓު ނުދިނުމަށް އެދި ސަލާމަތީ މަޖިލީހުގެ ޤައުމުތަކަށް އަމާޒުކޮށްގެން އެމެރިކާ ކުރަމުންގެންދާ ކޭންޕޭންތަކާއި ދައްކަމުން ގެންދާބިރުތަކާ ގުޅިގެން 3 ޤައުމަކުން ވަކިކޮޅަކަށް ވޯޓު ނުދިނުމަށް ނިންމާފައިވާކަމަށް ޚަބަރުލިބިއްޖެވެ.

އދ. ގެ ޑިޕްލޕމެޓިކް ދާއިރާތައް ބުނާގޮތުން ސަލާމަތީ މަޖިލީހުގައި ހިމެނޭ ޤައުމުތަކުގެ ތެރޭން ކޮލަންބިޔާ، ބޮސްނިޔާ އަދި ފަރަންސޭސިވިލާތުން އެއްވެސް ކޮޅަކަށް ވޯޓު ނުދިނުމަށް މިހާރު ނިންމާފައިވާތީ ފަލަސްތީނާ ދެކޮޅަށް އެމެރިކާ ވީޓޯ ނުކުރިނަމަވެސް ފަލަސްތީނަށް ބޭނުންވާމިންވަރަށް ސަލާމަތީ މަޖިލީހުގެ 8 ޤައުމުގެ ތާއީދު ފަލަސްތީނަށް ނުލިބޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.

އެމެރިކާގެ ބޭނުމަކީ ފަލަސްތީނާ ދެކޮޅަށް ވީޓޯނުކޮށް ފަލަސްތީނަށް ބޭނުންވާ މިންވަރަށް ސަލާމަތީ މަޖިލީހުގައި ވޯޓު ނުލިބޭނެގޮތް ހެދުމެވެ. ވީޓޯގެ ބޭނުންކޮށްގެން ފަލަސްތީނަށް މެންބަރުކަން ދިނުމުގެ މައްސަލަ ސަލާމަތީ މަޖިލީހުގައި ފެންކޮށްލުމަކީ އެމެރިކާވެސް ކުރަން ލަދުގަންނަކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް އެމަޖިލީހުގެ ސެކްރެޓޭރިއަޓުން މިއަދު ބެހި ލިޔުމެއްގައިވަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލިސް ބައިބައިވެފައިވާ ކަމަށާއި މިކަމަށް ބޭނުންވާ 8 ޤައުމުގެ ތާއީދު ފަލަސްތީނަށް ލިބޭނެހެން ހީނުވާ ކަމުގައެވެ. އެމެރިކާއަކީ މެންބަރުކަން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށާއި ފަލަސްތީނަށް އދ. ގެ މެންބަރުކަން ދިނުމަށް އެންމެ ބޮޑަށް ދެކޮޅުހަދާ ޤައުމެވެ. ސަލާމަތީ މަޖިލީހުގެ ލިޔުން ބުނާގޮތުން މެންބަރުކަން ހޯދުމަށްއެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލާގައި ވޯޓަށް އެހުން އޮންނާނީ މި ނޮވެމްބަރ މަހުގެ ފަހުކޮޅުގައެވެ. -- އަލްޖަޒީރާ