11 Sep 2019, 08:55
ސިޔާސީ ދާއިރާއަށް ވަތް ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މާތޯޑްކަރު، އިންޑިއާގެ ނޭޝަނަލް ކޮންގްރެސް ޕާޓީން އިސްތިއުފާ ދީފިއެވެ.
އުރުމިލާ އިއްޔެ އެ ޕާޓީން އިސްތިއުފާ ދީފައިވާ ސަބަބުތައް ވަނީ އޭނާ އާންމުކޮށްފައެވެ.
އުރުމިލާ ބުނިގޮތުގައި އޭނާ އެ ޕާޓީ ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަށް އެކި ކަހަލަ އޮޅުވާލުންތައް އޮޅުވާލުމުންނެވެ. އަދި އަމިއްލަ ސިޔާސީ އެޖެންޑާތަކަށް ޕާޓީގެ ފަރާތުން ދަތިތައް ލިބުމަކީވެސް އެ ޕާޓީން ވަކިވުމުގެ ފަހަތުގައިވާ ސަބަބެކެވެ.
"އަޅުގަނޑު ފޮނުވާފައިވާ ވަރަށް ކޮންފިޑެންޝަލް ސިޓީއެއް މީޑިއާއަށް ލީކު ކޮށްލުމަކީވެސް އަޅުގަނޑަށް އޮޅުވާލުމުގެ ގޮތުން ކުރި ކަމެއް. އަދި އެކަމާ ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް މައާފަށް އެދިފައެއް ނުވޭ،" އުރުމިލާ ފާހަގަކުރިއެވެ.
އުރުމިލާ އެ ޕާޓީއާ ގުޅުނީ މީގެ ފަސް މަސް ކުރީންނެވެ.
ސިޔާސީ ދާއިރަށް ވަނުމުގެ ކުރީން އުރުމިލާއަކީ ބޮލީވުޑުގެ ފިލްމުތަކުން މޮޅު ހުނަރެއް ދައްކާފައިވާ ފަންނާނެކެވެ. އޭނާއަށް އެތައް ބައެއްގެ ސަޕޯޓު ލިބިފައިވާއިރު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ރަންގީލާ އާއި ޚުބްސޫރަތު އަދި ޖުދާއީ ހިމެނެއެވެ.