09 Nov 2011, 21:17
ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގެ ހިތަދޫ "ޕަވާ ޕާކް ރެސްޓޯރެންޓް" ކައިރީ ބެހެއްޓި ޕާކިސްތާނުގެ މޮނިއުމެންޓާ ދެކޮޅަށް އެރަށުގެ ބަޔަކު ނުރުހުން ފާޅު ކުރުމަށް ފަހު މޮނިއުމަންޓް ވައްޓާލައިފި އެވެ.
ބުދުތަކެއްގެ ސޫރައާ އެކު ބަހައްޓައިލާފައިވާ ޕާކިސްތާނުގެ މޮނިއުމެންޓް ވައްޓައިލި ކަމަށް ވަނީ މިރޭ އިޝާނަމާދަށް ފަހު ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅު ކުރުމުގެ ތެރޭގައި ދެ މީހު ވެގެން ކަމަށް ހިތަދޫން ވާހަކަ ދެއްކި ބައެއް މީހަކު ބުންޏެވެ. މޮނިއުމެންޓް ވައްޓައިލުމުން ގެއްލުން ލިބިފައިވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ "ބަޔެއްގެ އަމަލެއް ސަބަބުން އެ މޮނިޔުމަންޓް ވެއްޓުނު" ކަމަށާއި ނަމަވެސް އަލުން އެ މޮނިއުމަންޓް ބަހައްޓާފައިވާ ކަމަށެވެ.
"މިހާރު މޮނިއުމަންޓް އެހުރީ ހަމަ ހުރި ޕޮޒިޝަނުގައި،" އައްޑޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މައުލޫމާތު ދިން އެކަކު ބުނީ މޮނިއުމަންޓް ވައްޓައިލީ މިރޭ އިޝާ ނަމާދުން ފައިބައިގެން ގިނަ އަދަދެއްގެ ބަޔަކު ތަކުބީރު ކިޔަމުން ގޮސް ކަމަށެވެ. އެކަމާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ މޮނިއުމެންޓް ވައްޓާލުމުން އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ފާރައަށް އެބަތިބި ކަމަށެވެ.
ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާ ސުވާލު ކުރެއްވުމުން މޭޔަރު ވެސް "މޮނިއުމަންޓް ވައްޓާލައިފިތޯ" ވިދާޅުވެ ކުރެއްވީ ސުވާލެކެވެ. އަދި ވިދާޅުވީ އެކަން ބައްލަވާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ސާކް ސަމިޓާއި ގުޅިގެން ބަހައްޓާފައިވާ ސާކްގެ ހަތް ގައުމު ޒަމްޒުކޮށްދޭ މޮނިއުމެންޓްތަކު ތެރެއިން ޕާކިސްތާނުގެ މޮނިއުމެންޓްގައި ބުދު ދީނުގެ މީހުން އަޅުކަން ކުރާ އެންމެ ބޮޑު ބުދު ގޯތަމަ ބުއްދާގެ ބުދާއި އެހެނިހެން ގިނަ ބުދު ހުރި ކަމަށް ބުނެ ރޭ ވެސް ގިނަ ބަޔަކު ވަނީ އެމޮނިއުމެންޓް ނެގުމަށް ގޮވާލާފަ އެވެ.
ޕާކިސްތާން މޮނިއުމެންޓް ވައްޓައިލީ އެ މޮނިއުމަންޓާމެދު ނުރިހިގެން ގިނަ ބަޔަކު އެއްވުމާ ގުޅިގެން އެ މޮނިއުމެންޓް ނެގުމަށް ފަހު ރޭގެ ވަގުތެއްގައި އަލުން ބަހައްޓާފައި ހުއްޓަ އެވެ.